މިނިސްޓްރީ އޮފް ހެލްތް

ވިޔަފާރީގެ ބޭނުމަށް ޕޯސްޓުގެ ޒަރީއާއިން ބޭސް އެތެރެކުރުމަކީ މަނާކަމެއް، ފިޔަވަޅު އަޅާނަން: ހެލްތު މިނިސްޓްރީ

ގަވާއިދާ އެއްގޮތަށް ހެލްތު މިނިސްޓްރީން ހުއްދަތައް ނުނަގައި އޮންލައިން މެދުވެރިކޮށް، އަދި ޕޯސްޓްގެ ޒަރީއާއިން ބޭސް އިމްޕޯޓްކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، އޮންލައިންކޮށް ގަނެގެން ޕޯސްޓުގެ ޒަރީއާއިންނާއި އަތްމަތީގައި ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އަދި އެކި ގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތަކުގެ ބޭސްތައް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި އެގޮތަށް އެތެރެކުރާ ބޭސްތަކަކީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް، އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްތަކެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ގަވާއިދާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި އެގޮތަށް ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތަކާ މެދު ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުން، އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ސައްހަ ބޭސް ސިޓީއެއް އޮވެގެންނެވެ.

އަދި ވިޔަފާރީގެ ގޮތުގައި އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ. ބޭހާބެހޭ ގަވައިދު ބުނާގޮތުން މިފަދަ ބޭހުގެ ބާވަތްތައް އެތެރެ ކުރަންވާނީ ސައްހަ ބޭސް ސިޓީއެއް އޮވެގެންނެވެ.