ދުނިޔެ

ޚަޝޯގީގެ ހަށިގަނޑު ބޭރުކޮށްފައިވަނީ ފަސް ބްރިފްކޭހުގައި

އަނިޔާވެރިކޮށް މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ސައުދީ ކޮންސިއުލޭޓުން ބޭރުކުރުމަށް ފަސް ބްރިފްކޭސް ބޭނުންކޮށްފައިވާ ކަމަށް ތުރުކީގެ ނޫހެއް ކަމަށްވާ ސަބާހް އިން ރިޕޯޓުކޮށްފި އެވެ.

މައްސަލަ ތަހުގީގު ކުރި އޮފިޝަލަކާ ހަވާލާދީ ސަބާހު ގައި ބުނެފަވާ ގޮތުގައި އިސްތާންބުލްގައި ހުންނަ ސައުދީ އަރަބިޔާގެ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔުމުން މަރާލުމަށްފަހު ހަށިގަނޑުގެ ބައިތައް ބުރި ބުރިކުރުމަށްފަހު އެ ހަށިގަނޑު ލާފައިވާ ބްރިފްކޭސްތައް ވަނީ ސައުދީ ކޮންސޯލްގެ ގެޔަށް ގެންގޮސްފައެވެ.

އޮފިޝަލް އިތުރަށް ބުނި ގޮތުގައި މި އަނިޔާވެރި މަރުގެ ފަހަތުގައި ހިމެނެނީ 15 މީހުންގެ ޓީމެކެވެ. އޭގެ ތެރޭގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ހާއްސަ މީހެއް ކަމަށްވާ މަހޭރް މުތްރެބް އާއި ސައުދީ ސައިންޓިފިކް ކައުންސިލް އޮފް ފޮރެންސިކް ގެ ހެޑް ކަމުގައިވާ ސަލާހް ޓުބެއިޖީ އާއި ސައުދީ ރޯޔަލް ގާރޑް ގެ ލިއުޓިނަންޓް ކަމުގައިވާ ތާރް އަލް ހާރްބީ ހިމެނެއެވެ.

މި މައުލޫމާތުތައް މީގެ ކުރިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޚަޝޯގީގެ މަރުގެ ފަހަތުގައި ސައުދީގެ ބޮޑެތި ވެރިންގެ އަތެއް ވާކަމަށް ވިދާޅުވި ވިދާޅުވުމާ ދިމާވެއެވެ.

އަދިވެސް ޚަޝޯގީގެ ހަށިގަނޑު ނުފެންނަ އިރު، ތުރުކީގެ މީޑިއާތަކުގައި މިހާރުވަނީ ސައުދީން އިސްތާންބުލް އަށް އެތެރެވި 15 މީހުންގެ ނަންތައް ހާމަކޮށްފައެވެ. މިއީ އެމަރުގެ ފަހަތުގައި ހަރަކާތެރިވި ކަމަށް ބެލެވޭ ފަރާތްތަކެވެ.

ޚަޝޯގީ މަރާލިކަމުގެ އިނގިލި ސައުދީއާ ދިމާލަށް ދިއްކުރެވިގެންދާ އިރު ސައުދީ ސަރުކާރުން ދަނީ މިކަމުން ރެކެވޭނެ ގޮތެއް ހޯދައި ބަލަމުންނެވެ. ސައުދީގެ ދާހިލީ ވަޒީރު ވިދާޅުވީ ޚަޝޯގީ މަރާލުމުގައި ޒިންމާވާ އެންމެން ހޯދައި އަދަބު ދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އެގައުމުގެ އިންޓަލިޖެންސްގެ ބައެކެވެ. އުރުދުޣާން ވަނީ މިކަމުގައި ޝާމިލްވާ އެންމެން ހޯދައި ޚަޝޯގީގެ ގާތިލުންނަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ގޮވާލައްވައިފައެވެ.

ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ އެމެރިކާގެ ހިމާޔަތުގައި ހުންނަތާ ވަނީ އަހަރެއްހާ ދުވަސްވެފައެވެ.

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް މިދިޔަ މަހުގެ ދެވަނަ ދުވަހު ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތަށް ޚަޝޯގީ ވަތް ފަހުން، ނުނިކުންނަ ކަމަށެވެ.