ޑައިވިންއަށް ގޮސްއުޅެނިކޮން އިއްޔެގެ ވަގުތެއްގައި ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑިީއެފުން ބުނެފިއެވެ.
އެމްއެންޑިއެފުން ބުނީ ފަތުރުވެރިޔާ ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމުގައެވެ.
މި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ 1:09 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ، ''އޯސީއޭ އެމް 7 އެސް'' ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވް ކުރުމަށް ފޭބި ފަތުރުވެރިޔާ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި އިއްޔެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި 22 މީހުންނާއެކު ޑައިވިންއަށް ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ އުމުރުން 41 އަހަރުގެ އަންހެނެކެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެއް ކަމަށާއި އަދި އަރައިގެން ހުރީ ހުދު ކުލައިގެ ފިންސަކަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. އަދި ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އޭނާ އަޅައިގެން ހުރި ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.