އައްޑޫ ސިޓީގައި ބެޑްމިންޓަން ކޮމްޕްލެކްސް އެޅުމުގެ މަޝްރޫއު އަންނަ މަހުގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ބުނެފިއެވެ.
އައްޑޫ ސިޓީގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ)އާ ހަވާލު ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަށް ހަ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޔޫތު މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އައްޑޫ ސިޓީގައި އަޅާ ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތުގެ އިތުރުން އެކުވެނި އިންޑޯގެ މަޝްރޫއުވެސް އަންނަ މަހުގައި ނިމޭނެ ކަމަށެވެ. އަދި އެ ދެ މަޝްރޫއަށް ނުވަ މިލިއަން ރުފިޔާ ހަރަދުވާ ކަމަށްވެސް ވަނީ ބުނެފައެވެ.