އެންޓި ކޮރަޕްޝަން ކޮމިޝަން

އާ ޑަމްޕް ޓްރަކެއް ގޮތުގައި ބާ ޑަމްޕް ޓްރަކެއް ގަތް މައްސަލައިގައި ވެމްކޯގެ ކުރީގެ އެމްޑީއަށް ދައުވާކުރަނީ

އޮޅުވާލައިގެން އާ ޑަމްޕްޓްރަކެއްގެ ގޮތުގައި ބާ ޑަމްޕްޓްރަކެއް ގަނެފައިވާ މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީި)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ، ވެމްކޯ އިން އިމަޖެންސީކޮށް ޑަމްޕްޓްރަކެއް ގަތުމަށް ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެކުންފުންޏަކީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ޝިފާއުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެ މައްސަލަ އޭސީސީން ބެލިއިރު ފާހަގަ ކުރެވުނު ހަ ކަމެއް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އޭސިސީން ބުނީ، އެ މައްސަލާގައި ހިމެނޭ ޑަމްޕްޓްރަކް ގަނެފައިވަނީ އެންމެ ތަނަކުން ކޯޓޭޝަން ހޯދައިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ދައުލަތުގެ ކުންފުނިތައް ފިޔަވައި ވެމްކޯގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރު އާއި ބިޑު ކޮމިޓީގެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެމްކޯއަށް މުދަލާއި، ހިދުމަތް ހޯދުމަކީ މަސްލަހަތު ފުށުއަރާނެ ކަމަކަށްވާތީ އެފަދަ ފަރާތްތަކުން މުދާ ގަތުމަކީ ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީ އަދި ޕްރޮކިއުމަންޓް މެނުއަލްއާ ހިލާފުކަމަކަށްވާއިރު، ވެމްކޯއަށް ގަތްއިރުވެސް އެ ޑަމްޕްޓަރަކީ، ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރުގެ ހިއްސާއޮތް ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ޑަމްޕްޓަރަކެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީ ބުނީ މިމައްސަލާގައި ހިމެނޭ ޑަމްޕްޓްރަކް އިމަޖެންސީކޮށް ގަނެފައިވަނީ އިމަޖެންސީ ރިކުއެސްޓް ފޯމެއް ފުރައިގެންކަން އެނގެން އޮންނައިރު އެ އިމަޖެންސީ ފޯމުގައި ރިއާޔަތްކޮށްފައިވާ ޕޮލިސީ ބައްދަލުވުމުގެ ޔައުމިއްޔާ ވެމްކޯގައި ނެތް ކަމަށެވެ. އަދި އެ ޕޮލިސީ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައްވެސް އެނގެން ނެތްކަން އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ އިމަޖެންސީކޮށް މުދަލެއް ނުވަތަ ހިދުމަތެއް ހޯދަނީ ޕޮލިސީ ބައްދަލުވުމަކުން ނިންމައިގެން ކަމުވައިވާނަމަ އެބައްދަލުވުމެއްގެ ޔައުމިއްޔާ ނުވަތަ އެބައްދަލުވުމަކުން ނިންމުނު ނިންމުމާ ގުޅޭ ލިޔެކިޔުންތައް އިމަޖެންސީ ފޯމާއެކު އެއްކަރުދާސްކޮށް ފައިލްކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ.

އޭސީސީން ބުނީ ކިއުބެކް އިންވެސްޓްމެންޓުން އިމަޖެންސީކޮށް އެއް ޑަމްޕްޓްރަކް ގަނެފައިވާއިރު، އިމަޖެންސީ ފޯމުން ރިކުއެސްޓްކޮށްފައި ވަނީ ކެޕްސް ލައިޓް ހިދުމަތް ތައާރަފުކުރުމަށް އެއް ޓަނުގެ ޑަމްޕްޓްރަކެއް ހޯދުމަށްކަމަށް ވީނަމަވެސް، އެ ފޯމުގެ ތިރީގައި އެއްޓަނުގެ ޑަމްޕްޓްރަކެއް ލިބެން ނެތުމުން 350 ކިލޯގެ ޑަމްޕްޓްރަކެއް ހޯދުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް އަތު ލިޔުމުން ލިޔެފައިވާ ކަމަށެވެ.

އަދި އޭގައި ކޮށްފައިވާ ސޮޔަކީ އެ އިމަޖެންސީ ފޯމު އޮތޮރައިޒްކޮށްފައިވާ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއިކަން އެފަރާތުގެ އިއުތިރާފުންނާއި ފޮރެންސިކް ތަހުލީލުން ތަހުގީގަށް ޔަގީންކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، އެ އަތުލިޔުމަކީ ވެމްކޯގެ ލޮޖިސްޓިކް އޮފިސަރުގެ އަތުލިޔުން ކަމާއި، އެގޮތަށް އަތުލިޔުމުން ލިޔެ، އިމަޖެންސީ ފޯމަށް ބަދަލު ގެނެސްފައިވަނީ ކިއުބެކް އިންވެސްޓްމެންޓުން 350 ކިލޯގެ ޑަމްޕްޓްރަކް ވެމްކޯއަށް ގަނެ އެ ޑަމްޕްޓްރަކް ވެމްކޯއަށް ލިބުމުން ކިއުބެކް އިންވެސްޓްމެންޓަށް ފައިސާ ދެއްކުމުގެ މަރުހަލާގައިކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނެފައިވަނީ، ވެމްކޯ އިން އެ ޑަމްޕްޓްރަކް ކިއުބެކް އިންވެސްޓްމެންޓުން ގަނެފައިވަނީ އާ ޑަމްޕްޓްރަކެއް ގޮތަށް އެއްބަސްވުން އެކުލަވާލައިގެން ކަމަށެވެ. އަދި އެ ޑަމްޕްޓްރަކް ރާއްޖެއަށް އެތެރެކުރުމަށްފަހު އެ ޑަމްޕްޓްރަކް އެތެރެކުރި ފަރާތުގެ ގަރާޖުގައި ބާއްވައިގެން މަރާމާތުކުރުމަށްފަހު އެ ޑަމްޕްޓްރަކް އެމް ކޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ވިއްކާލާފައިވާކަން ލިޔެކިޔުންތަކުންނާއި އެ ފަރާތުގެ ބަހުން ހާމަވާ ކަމަށެވެ.

"އެގޮތުން، އެމް ކޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑަށް ޑަމްޕްޓްރަކް ވިއްކާލާފައިވަނީ ޑަމްޕްޓްރަކް ދިވެހިރާއްޖެއަށް އެތެރެކުރިތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވީފަހުންނެވެ. އަދި އެމް ކޯ ހޯލްޑިންގސްގެ ކޮމްޕެނީ ސެކްރެޓަރީއަކީ ވެމްކޯއަށް އެ ޑަމްޕްޓްރަކް ވިއްކި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވްކަމާއި، ކިއުބެކް އިންވެސްޓްމެންޓަކީ އެމް ކޯ ހޯލްޑިންގސްގެ ކޮމްޕެނީ ސެކްރެޓަރީ އަދި ވެމްކޯއަށް އެ ޑަމްޕްޓްރަކް ވިއްކި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވްގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. ހަމައެހެންމެ، ކިއުބެކް އިންވެސްޓްމެންޓު ހިންގުމުގެ ހުރިހާ މަސައްކަތެއްގައި އުޅެނީ އެމް ކޯ ހޯލްޑިންގސްގެ ކޮމްޕެނީ ސެކްރެޓަރީ އަދި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވްގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާކަން ފާހަގަކުރެވެއެވެ." އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.