ދުނިޔެ

ކަޝްމީރުގެ ގިނަ ރައްޔިތުން އަދިވެސް ތިބީ މުވާސަލާތީ ހިދުމަތުން މަހުރޫމްވެފައި!

ފަތޯނާ ފާއިޒު

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރަށް ގާނޫނުގެ ދަށުން ލިބިދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާއެކު، އެސްޓޭޓްގައި ދިރިއުޅެމުން އަންނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މުވާސަލާތީ ހިދުމަތުން އަދިވެސް އެމީހުން ތިބީ މަހުރޫމްވެފައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކަޝްމީރުގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރަނީ މުސްލިމުންނެވެ. ކަޝްމީރަށް ލިބިދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް މިމަހުގެ ފަސްވަނަ ދުވަހު އިންޑިއާ ސަރުކާރުން ނިންމުމާއެކު ހިންދޫން ގެންދަނީ އެ ނިންމުމާ ގުޅިގެން އުފާފާޅު ކުރަމުންނެވެ. ޖައްމު-ކަޝްމީރަަކީ ވަކި ސްޓޭޓެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެއީ ޔޫނިއަން ޓެރިޓަރީއެއް ގޮތަށް ހަމަޖެއްސެވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުއެވެ.

މީގެ ކުރިން އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގައިވާ ގޮތުން ކަޝްމީރަށް އޮތީ ހާއްސަ ހައްގުތަކެއް ލިބިދީފައެވެ. އޭގެ ތެރޭގައި އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މީހުންނަށް ކަޝްމީރުން ސްކޮލަޝިޕްގެ ފުރުސަތު ނުލިބުމާއި، އެތަނުން ބިން ނުގަނެވުން ފަދަ ކަންކަން ހިމެނެއެވެ.

ކަޝްމީރަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަންނަން އިންޑިއާއިން ނިންމީ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ދެވަނަ ދައުރެއް ލިބުނުތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އެ ނިންމުމާއެކު ކަޝްމީރުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބުނެ އިންޑިއާގެ ސިފައިން އެ ސްޓޭޓަށް ފޮނުވާފައިވާއިރު، ބައެއް ސިޔާސީ ފަރާތްތަކާއި އާއްމުންގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އިންޓަރނެޓްގެ ހިދުމަތާއި ލޭންޑްލައިންގެ ހިދުމަތް ކަނޑާލިއިރު، އަދިވެސް އެ ހިދުމަތްތައް ކަޝްމީރަށް ނުލިބޭ ކަމަށްވެއެވެ.

މީގެ އިތުރުން އިންޓަނެޓް ނުލިބޭތީ ކަޝްމީރުގެ ރައްޔިތުންނަށް ވަނީ އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެ ސްޓޭޓްގެ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ކަންކަން އެހެން މީހުންނާ ހިއްސާ ކުރުމުގައިވެސް ދަތިތަކާ ދިމާވާ ކަމަށް، ކަޝްމީރުގެ ބައެއް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކަޝްމީރުގެ 100 ލޭންޑްލައިންގެ ތެރެއިން 17 ލޭންޑްލައިންގެ ހިދުމަތް މިހާރު ލިބޭނެއެވެ. އަދި ކުރިން ބަންދު ކުރި 35 ޕޮލިސް ސްޓޭޝަންއެއް ހުޅުވައި، ހޯމަ ދުވަހު ސްކޫލްތަައްވެސް އަލުން ހުޅުވާނެ ކަމަށް ވަނީ ބުނެފައެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިއާއާ ޕާކިސްތާނާ ދެމެދުވެސް ވަނީ އިތުރު ހަމަނުޖެހުން އުފެދެން ފަށާފައެވެ. އެގޮތުން އެ ދެގައުމުގެ ވެރިން އަންނަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންނެވެ. ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލަން ނިންމި ނިންމުމަކީ ދާހިލީ ކަމެއް ކަމަށް އިންޑިއާއިން ބުނަމުން ގެންދާއިރު، އެކަމާ ގުޅިގެން ޕާކިސްތާނުން އަމަލު ކުރަމުން އަންނަ ގޮތާމެދު އިންޑިއާއިން ހިތްހަމައެއް ނުޖެހެއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްރާތު ސިންހް ވަނީ ޕާކިސްތާނުގެ އަމަލުތަކާ ގުޅިގެން، އެގައުމާ ދެކޮޅަށް ނިއުކުލިއާ ހަތިޔާރު ބޭނުން ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

ކަޝްމީރުގެ ރައްޔިތުންގެ ހައްގުތަކަށް އިންޑިއާއިން އަރައިގަންނަ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން ވަނީ ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ. އެއީ ކަޝްމީރުގެ މައްސަލައިގައި ޔޫއެން ސެކިއުރިޓީ ކައުންސިލުން ފާއިތުވި 50 އަހަރު ތެރޭގައިވެސް ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުމެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ޗައިނާ އަދި ޕާކިސްތާނުގެ އެދުމަކަށެވެ.