ދުނިޔެ

އިދްލީބަށް ދިން ވައިގެ ހަމަލާތަކެއްގައި 13 މީހުން މަރުވެއްޖެ

ފަތޯނާ ފާއިޒު

ސީރިޔާގެ އިދްލީބް ސިޓީއަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި 13 މީހުން މަރުވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިދްލީބުގައި ހުންނަ ރެފިއުޖީ ކޭމްޕްތަކެއްގެ ކައިރިއަށް ވައިގެ ހަމަލާތަކެއް ދީފައިވަނީ ރަޝިޔާއިންނެވެ. ފްރާންސްގެ ފޮރިން މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ހަމަލާތައް ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އެގޮތުން ރެފިއުޖީން އުޅޭ ސަރަހައްދެއްގައި ދިން ހަމަލާތައް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ.

އިދްލީބުގެ ދެކުނުގައި އޮންނަ އަވަށަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވަނީ ހުކުރު ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ސީރިޔާގައި ކުރަމުން އަންނަ ދާހިލީ ހަނގުރާމައިގައި ޒަހަމްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ވައިޓް ހެލްމެޓް ޖަމިއްޔާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އިދްލީބްގައި ރަޝިޔާއިން ހަމަލާ ދިން ދުވަހު، ސީރިޔާ ސިފައިންވެސް އެސަރަހައްދުގައި ހަމަލާތަކެއް ދިނެވެ. އެ ހަމަލާތަކުގައި ދެ މީހުން މަރުވެ، 23 މީހުން ޒަހަމްވިއެވެ.

އިދްލީބް ސިޓީއަކީ ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ގްރޫޕްތަކުގެ ބާރު އޮންނަ ސިޓީއެކެވެ. އެ ސިޓީގެ ސަރަހައްދުތަކުން ހަނގުރާމަވެރިން ބޭރު ކުރުމަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ގެންދަނީ ރަޝިޔާއާ ގުޅިިގެން މަސައްކަތް ކުރަމުންނެވެ. އެ މަގުސަދުގައި ކުރާ ހަނގުރާމައިގައި ސީރިޔާގެ އެއްވެސް ކުށެއް ނެތް ރައްޔިތުން މަރަމުންދާ މައްސަލަ ބައިނަލްއަގްވާމީ ދުނިޔެއިން އަންނަނީ ކުށްވެރި ކުރަމުންނެވެ.