ސްނޯކްލިންއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ މަފިރިން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އއ. މޫފުށި ރިސޯޓުން މިއަދު ސްނޯކްލިންއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔައީ ޖަރުމަނުގެ ދެމަފިރިން ކަމަށެވެ.
މިދެމީހުން ފެނިފައިވަނީ އެމީހުން އަމިއްލައަށް ރިސޯޓަށް އެރުމުން ކަމަށެވެ. އަދި އެދެމީހުން ޑޮކްޓަރަށް ދެއްކުމުން ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ސްނޯކްލިންއަށް ދިޔަ ފަތުރުވެރި ދެމަފިރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑު މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރިޕޯޓްކުރީ މިއަދު 11:19 ގައި ކަމަށެވެ.
އަދި މިދެމަފިރިން ސްނޯކްލިންއަށް ފޭބީ އެރަށު ފަޅުތެރެއަށް ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެއެވެ.
މި ދެމަފިރިން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން ވަނީ ހަރަކާތްތެރިވެފައެވެ.