ރާއްޖޭގެ ޒުވާނުން ކުރިއަށް ދިއުމަށް ބޮޑެތި ދަތިތަކެއް ހުރިކަމަށް ވިދާޅުވެ، ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތައިލުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އދ.ގެ ކުޅިވަރާ ބެހޭ މަންދޫބު ޖަޔަތުމާ ވިކްރަމަންޔަކަ ވިދާޅުވެއްޖެއެވެ.
ޖަޔަތުމާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ނ. ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދެއްވި ހާއްސަ ދައުވަތަކަށް މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޔަތުމާ ދެއްކެވި ވާހަކައިގައި ވިދާޅުވީ، މިނިސްޓަރު މަހުލޫފާއި އޮފިޝަލުންނާއި އަދި ޒުވާނުންނާ ވާހަކަ ދައްކާލުމުން ޒުވާނުން ކުރިއަށް ދިއުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އެނގުނު ކަމަށެވެ.
އަދި ރާއްޖެއަކީ 100 ޕަސެންޓް ލިޔަންކިޔަން ދަންނަ ގައުމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޒުވާނުން ކުރިއަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން ކަމުން އަރައިގަތުމަށް އދ. އިން އަބަދުވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން ޖަޔަތުމާ ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ވެސް ދިވެހި ޒުވާނުން ފައިހަމަކުރަމުން އަންނަ ކަމަށާއި ރާއްޖެ އަކީ ތައުލީމީ ގައުމެއް ކަމަށެވެ.
ތައުލީމަކީ އެންމެންގެ ވެސް އަސާސީ ހައްގެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ދިވެހި ރާއްްޖެ އަކީ ކުޑަ ކުދިންގެ ތައުލީމަށް އިސްކަންދޭ ގައުމެއް ކަން އެންމެ ބޮޑަށް ދޭހަ ވަނީ މި ގައުމަކީ އދ.ގެ ކޮންވެންޝަނުގައި އެންމެ ފުރަތަމަ އެ ވާހަކަ ދައްކަން ފެށި ގައުމުތަކުގެ ތެރޭގައި ހިމެނޭތީ ކަމަށެވެ.
މިއަހަރު އދ. އިން ޒުވާނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، "ޓްރާންސްފޯމިންގް އެޑިއުކޭޝަން" އެވެ.