ހޮލީވުޑް

މައިލީ ސައިރަސް އަދި ލިއަމް ވަކިވަނީ

ފަސްމަސް ދުވަހު ކައިވެނި ކޮށްގެން އުޅުމަށްފަހު މައިލީ ސައިރަސް އަދި ލިއަމް ހެމްސްވޯތު ވަކިވުމަށް ނިންމައިފިއެވެ.

ގިނަ އަހަރުތަކެއް ވާންދެން ރައްޓެހިވެގެން އުޅުމަށްފަހު މައިލީ އަދި ލިއަމް ކައިވެނި ކުރީ މިދިޔަ ޑިސެމްބަރުގައެވެ. ރައްޓެހިވެގެން އުޅުނު އިރުވެސް އެމީހުންގެ ގުޅުން އެހާ ސްޓޭބަލެއް ނޫނެވެ. އޭރުވެސް ވަރަށް ގިނައިން މައްސަލަޖެހި ވަކިވެފައިވެއެވެ.

މައިލީ އާއި ލިއަމް ވަކިވާ ވާހަކަ ފުރަތަމަ އަޑުއަރާފައިވަނީ ޖޫންމަހުއެވެ. ނަމަވެސް މައިލީ ވަނީ އެކަން ދޮގުކުރުމަށް ފަހު، ލިއަމް އާއި ދެމީހުން ގުޅިގެން އުޅޭތާ 10 އަހަރުވެފައިވާ އެނަވާސަރީ ވިޝްއެއް މީސްމީޑިއާގައި ކޮށް އެވާހަކަތަކަށް ފެން އަޅައިފައެވެ.

އެހެން ނަމަވެސް މައިލީގެ މަންދޫބެއް މިވަނީ އީ ނިއުސްއަށް ބަޔާނެއް ދީފައެވެ. އެ ބަޔާނުގައި ވާގޮތުގައި މައިލީ އާއި ލިއަމް ވަނީ ވަކިވާން ނިންމައިފަ އެވެ. އެމީހުން އެގޮތަށް ވިސްނީ ވަކިވެގެން އަމިއްލަ ނަފުސާއި ކެރިއަރަށް ފޯކަސް ކުރަން ބޭނުންވާތީ ކަމަށްވެއެވެ.

ދެމީހުން ވަކިވިކަމުގައިވިއަސް އެމީހުން ގެންގުޅޭ ޖަނަވާރުން އެކުގައި ބަލަމުންދާނެ ކަމަަށާއި މިވަގުތު މައިލީ އަދި ލިއަމްއަށް ބޭނުންވާ ޕްރައިވަސީ ދީ އެއަށް އިހުތިރާމު ކުރުމަށް ވެސް އެބަޔާނުގައި އެދިފައިވެއެވެ.