ކ.ހުރާ ކައިރިއަށް އެމެޖެންސީކޮށް ލޭންޑް ކުރި ޓީއެމްއޭ ފްލައިޓުގައި ތިބި ފަސިންޖަރުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނަސްފި އެވެ.
އަށާރަ ފަސިންޖަރުންނާއެކު ދަތުރުކުރި މި ފްލައިޓު އެމެޖެންސީކޮށް ޖައްސާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދިން ގޮތުގައި ށ. އަތޮޅު ފެއާމޮންޓް ރިސޯޓުން މާލެއަށް ދަތުރު ކުރަމުން އައި ޓީއެމްއޭގެ މި ފްލައިޓް ހުރާ ކައިރިއަށް 5:30 ހާއިރު ޖެއްސީ ވިއްސާރަވެ ގަދަ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ. އަދި ބޯޓް އެމެޖެންސީކޮށް ޖައްސާފައި ވަނީ ސަލާމަތްތެރިކަމާއެކު އެއްވެސް ގެއްލުމެއް ނުވެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
މި ފްލައިޓުގައި ދަތުރުކުރި 18 ފަސިންޖަރުން މިރޭ 10:15 ހާއިރު އެއާޕޯޓަށް ގެނަސްފައިވަނީ އެމްއެންޑީއެފް ކޯސްގާޑް ސީ އެމްބިއުލެންސްގައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނީޔާއެއް ވެފައެއްނުވެއެވެ. އަދި ބޯޓަށްވެސް އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ދަތުރުކުރާއިރު ސަމާލުވުމަށް ޕޮލިހުން ވަނީ އެދިފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.