ދިހަ ކުޑަކުދިންނާއެކު 20 މީހުން ހިމެނޭ، ލޯންޗެއް ދަތުރު ކުރަމުން ދަނިކޮށް ހާލުގައި ޖެހިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި 10 ކުޑަކުދިންނާއި، ހަތް އަންހެނުން އަދި ތިން ފިރިހެނުންނާއެކު މި ލޯންޗް ހާލުގައި ޖެހިފައި ވަނިކޮށް މެރިން ޕޮލިހުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކޮދިއްޕަރު ކައިރިންނެވެ.
މިލޯންޗަކީ ދަތުރުގޮސް އުޅުނު ލޯންޗެއްކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:12 ހާއިރު ކަމަށާއި، ލޯންޗުގައި ތިބި އެންމެނަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުން މެރިން ޕޮލިސް ލޯންޗަށް އަރުވައިގެން މާލެ ގެނަސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މި ދުވަސްވަރު މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބަށް ވައިޓް އެލާޓް ނެރެމުން ދާއިރު މެޓް އޮފީހުން މިރޭ ވަނީ ބ. އަތޮޅާއި ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
އަދި ކަނޑު ދަތުރު ކުރާއިރު ސަމާލުވުުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.