ޝަހީދާ އަބްދުﷲ ސައީދު
ގއ. އަތޮޅުގައި އޮންނަ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގައި ފަޅު ތެރޭ އަޅާފައި އޮތް "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ރޭ ގއ. އަތޮޅަށްކުރި ވިއްސާރައިގައި ''ނޫރު'' ނަމަކަށް ކިޔާ ސަޕްލައި ދޯނި، އެރިސޯޓުގެ ފައްތިޔަލުގައި އަޅާފައިވަނިކޮށް ވާކަނޑައިގެން ގޮސް އޮޔާ ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އަދި ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާކަމަށާއި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން އަންގައި ދިނުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން ރޭ 1:00 ހާއިރު ގދ. ހޯޑެއްދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުރި ފެން އަޅާ ބޮޑު ދެ ކަޅު ހަން ވަޔާގޮސް، މޫދަށް ވެއްޓި އޮޔާދާކަމުގެ މައުލޫމާތު ވެސް ލިބިފައިވާކަމަށް އެމްއެންޑިއެފުން ބުންޏެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
މިއިން އެއްވެސް ކަމެއްގެ މައުލޫމާތު ލިބިފައިވާ ނަމަ އެކަން ތިނަދޫ ޕޮލިސް ސްޓޭޝަނަށް އެންގުމަށްވެސް އިލްްތިމާސްކޮށްފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ދަނީ ގެއްލުން ލިބެމުންނެވެ. އެގޮތުން ރޭގެ ވަގުތެއްގައި ތިނަދޫގައި ތިން ގެއެއްގެ ފުރާޅު އެއްލައިލައިފައިވެއެވެ. އަދި އައްޑޫ ސިޓީގައި ފަސް ގެއެއްގެ ފުރާޅު އެއްލައިލައި، ގަސްގަހާގެއްސަށް ވަނީ ގެއްލުންވެފައެވެ.