ނަރެންދްރާ މޯދީ

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ގެނައުމުގެ މަސައްކަތް އެބަކުރަން: މާރިޔާ

ޝަހީދާ އަބްދުﷲ ސައީދު

1

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ އިބްރާހިމް މުހައްމަދު ޞާލިޙު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ގެނައުމުގެ މަސައްކަތް އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާ ވާހަކަ ދައްކަވައިގެން ކުރިއަށްގެންދާ ކަމަށެވެ.

އަދި އެހެން ގައުމުތަކުގެ ބޭފުޅުން ވެސް އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ އިބޫ ހުވާކުރައްވާނެ ވަކި ދުވަހެއް މަޖިލީހުން ފާސްކުރުމުން އެދުވަހުގެ ރަސްމިއްޔާތަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ ގަލޮޅު ރަސްމީ ދަނޑުގައި ކަމަށާއި، އެގޮތަށް ނިންމީ ވީހާވެސް ގިނަ ރައްޔިތުންނަށް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހުވާކުރައްވާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟