ދިވެހިރާއްޖޭގެ 30 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ބާއްވާ ސިފައިންގެ 22 ވަނަ ފޮޓޯ މައުރަޒު، އދ. މަހިބަދޫގައި ބާއްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވުމުގެ ގޮތުން މަހިބަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރ ބްރިގޭޑިއާ ޖެނެރަލް ވާއިސް ވަހީދެވެ.
އެ ފޮޓޯ މައުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ބައެއް ފޮޓޯތަކާއި، ސިފައިން ކުރަމުންދާ އިޖުތިމާއީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްގީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުރުން ސިފައިންގެ ތާރީހީ ބައެއް ފޮޓޯތައް ހިމެނެއެވެ. ސިފައިންގެ 22 ވަނަ ފޮޓޯ މައުރަޒު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.
ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ކާނަލް އަބްދުއްރައޫފާއި މާލޭ އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި މަހިބަދޫ ރަށު ކައުންސިލްގެ މެންބަރުންނާއި އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ.
އެ ފޮޓޯ މައުރަޒާއެކު އެމްއެންޑީއެފް މާލޭ އޭރިއާއިން ވަނީ އެރަށުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންގޮސްފައެވެ. އެ ކުޑަކުދިންގެ ހަވީރުގައި ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރާއެކު ފޮޓޯ ނެގުމާއި އެކި ކުޅިވަރު ހަރަކާތްތަކާއި ކޯސްޓްގާޑްގެ އުޅަނދަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މަހިބަދޫގައި ބޭއްވި އެމްއެމްޑީއެފްގެ 22 ވަނަ ފޮޓޯ މައުރަޒާއި އެމްއެންޑީއެފް މާލޭ އޭރިއާއިން ކުރިއަށްގެންދިޔަ އާއިލީ ހަވީރު ކުރިއަށްގެންދިއުމުގައި މަހިބަދޫ ކައުންސިލްގެ މެމްބަރުންނާއި ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.