ކ. މާހަލު ކައިރިން ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް އަރިއަޅާލައި އެ ބޯޓުގެ މުދާތައް އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ހަތަރު މީހުންނާއެކު މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ''ސަމޯރާ 2'' ނަމަކަށް ކިޔާ ބޯޓު އަރިއަޅާލާފައި ވަނީ މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ކަގި އަށް ދަތުރުކުރަމުން ދަނިކޮށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 10:30 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ބޯޓުގައި ތިން ބިދޭސީންނާއި ދިވެއްސަކު ހުރި އިރު، މިތަނުން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. ނަަމަވެސް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު ސީޖީ ލޯންޗް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.