ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރު ކުރި ވަގުތު ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއެޅި ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މީޑިއާ ކައުންސިލުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންގާރަ ދުވަހު އަދީބު ކޯޓަށް ހާޒިރު ކުރި ވަގުތު ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއެޅިކަމުގެ މައްސަލައެއް އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް ނިންމައި، މައްސަލަ ދިރާސާކުރުމަށް ކައުންސިލުގެ ޖަލްސާއަކުން ފާސްކޮށްފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެ އެވެ.
މީޑިއާ ކައުންސިލުން ބުނީ މި މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު އަދީބު ކޯޓަށް ހާޒިރުކުރި ވަގުތު، އެ ސަރަހައްދުގައި ތިބި ނޫސްވެރީން ދުރުކޮށް ފޮޓޯ ނެގުމަށް ހުރަސްއެޅި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި އެކަމުގެ ކަންބޮޑުވުން ނޫސްވެރީންނާއި ނޫސްތަކުން ފާޅުކޮށްފައިވެ އެވެ.