ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާގައި ބިދޭސީން ހައްޖަށް ފޮނުވާފައިވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއަހަރު ހައްޖަށް ދިޔުމަށް ރާއްޖެއަށް ލިބިފައިވާ 2000 ކޯޓާގައި ހައްޖަށް ބިދޭސީން ވަނީ ފޮނުވައިފައެވެ. އޭގެ ތެރޭގައި މަލީޝާ ގްރޫޕުން ފައިސާ ނަގައި، އޮޅުވާލައި ހައްޖަށް ނުފޮނުވައި ހުރި އެކަކު ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ މީހާ ސަރުކާރުން މި އަހަރު ހައްޖަށް ފޮނުވައިދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުންވެސް ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާގައި އިތުރު ބިދޭސީން ހައްޖަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން ދެން ހައްޖަށް ފޮނުވާފައިވާ ބިދޭސީންނަކީ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީ މީހުން ހައްޖަށް ފޮނުވުމަށް އޮންނަ އުސޫލުގެ ދަށުން ހައްޖަށް ފޮނުވާފައިވާ މީހުންކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާގައި ބިދޭސީން ހައްޖަށް ގޮސްފައި ވާތީ، އެއީ އޮޅުވާލައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގޮތަށް ހިންގާފައިވާ ކަމެެއް ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަތައް ފަތުރާފައިވެ އެވެ.