އެންޓި ކޮރަޕްޝަން ކޮމިޝަން

ކުރީގެ ގަވަރުނަރު އަޒީމާ އޭސީސީއަށް ހާޒިރުވާން އަންގައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އަޒީމާގެ ބަޔާން ނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައެވެ. އޭސީސީއަށް އަޒީމާ ހާޒިރުވާން އެންގި ނަމަވެސް، އޭނާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

އެކަމާ ގުޅޭގޮތުން އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެކި ފަރާތްތަކުގެ ބަޔާން ނަގަމުންދާ ކަމަށާއި އެކަމުގެ ތަހުގީގު ހިނގަމުންދާތީ ބަޔާން ނަގާ ފަރާތްތަކުގެ ނަންތައް ހާމަކުރެވެން ނެތް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް 2016 ވަނަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވެއެވެ. އެއީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާތަކުގެ ތެރޭގައި އެކި މީހުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވާ 65.01 މިލިއަން ޑޮލަރާއި، ޑޮލަރު ގަނެވިއްކުމުގެ ނަމުގައި ހިންގި މުއާމަލާތެއްގެ ތެރެއިން އަމިއްލަ ކުންފުނިތަކަކަށް ދޫކޮށްފައިވާ 6.31 މިލިއަން ޑޮލަރާއި، ލޯން ދިނުމުގެ ނަމުގައި ދޫކޮށްފައިވާ 6.15 މިލިއަން ޑޮލަރާއި، ކޮންކަމަކާ ގުޅިގެން ދީފައިވާ ފައިސާކަން އެނގެން ނެތި އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 1.90 މިލިއަން ޑޮލަރު ހިމެނެއެވެ.