ޝަހީދާ އަބްދުﷲ ސައީދު
ފާއިތުވި ހަތަރު އަހަރުތެރޭގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ އަދަދު ދަށްވެ، ޗުއްޓީ ހޭދަކުރަންދާ އަދަދު އިތުރުވެއްޖެ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ)ގެ ދިރާސާ އަކުން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ރާއްޖެއިން ބޭރަށްދާ ދިވެހިންނާ ގުޅޭ މައުލޫމާތު އެއްކޮށް މިދިޔަ އަހަރު ހެދި ދިރާސާ އިންނެވެ. މި ދިރާސާއަކީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެމްއެމްއޭއިން ކުރަމުން އަންނަ ދިރާސާއެކެވެ.
މިދިޔަ އަހަރުގެ އޮފް-ޕީކް އަދި ޕީކް ސީޒަން ދުވަސްވަރަށް ބަހާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި އެމްއެމްއޭ އިން ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ ދައްކާގޮތުގައި، މިދިޔަ އަހަރު ވެސް އެންމެ ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވަނީ ބޭސްފަރުވާ އަށާއި ޗުއްޓީ ހޭދަކުރުމަށެވެ.
އެގޮތުން ސާވޭގައި ބައިވެރިވި 6321 މީހުންގެ ތެރެއިން ބޭސްފަރުވާއަށް ޕީކް ސީޒަންގައި 41 ޕަސެންޓް ދިވެހިން އަދި އޮފް-ޕީކް ސީޒަންގައި 42 ޕަސެންޓް ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވެއެވެ.
ފާއިތުވެދިޔަ ހަތަރު އަހަރު ވެސް ދިވެހީން އެންމެ ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވަނީ ބޭސްފަރުވާ އަށެވެ. ނަމަވެސް އެމްއެމްއޭއިން ބުނީ، އެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށްވަމުން އަންނަ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރާއި އަޅާބަލާއިރު 2018 ވަނަ އަހަރުގެ ސާވޭގެ ނަތީޖާ ދައްކާގޮތުން ބޭސްފަރުވާއަށް ދަތުރުކުރި ދިވެހިންގެ އަދަދު ވަނީ 58 ޕަސެންޓުން 41 ޕަސެންޓަށް ދަށްވެފައެވެ. އެއީ 17 ޕަސެންޓުގެ ދަށްވުމެކެވެ.
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ދަށްވަމުން އައި ނަމަވެސް، ދިރާސާއިން ދައްކާގޮތުގައި، ބޭސްފަރުވާއަށް ކުރާ ހަރަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހިން އެވްރެޖްކޮށް 683 އެމެރިކާ ޑޮލަރު ހަރަދުކުރާއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 878 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. އެއީ 29 ޕަސެންޓުގެ އިތުރުވުމެކެވެ.
ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ސާވޭގެ ނަތީޖާއަށް ބަލާއިރު ދިވެހިން ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވަނީ ޗުއްޓީ ހޭދަކުރުމަށެވެ. އަދި ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވެސް އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.
އެގޮތުން 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ ތެރެއިން 27 ޕަސެންޓް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރިއިރު، އެ އަދަދު މިދިޔަ އަހަރު ވަނީ 41 ޕަސަންޓަށް އަރާފައެވެ.
ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިން އެވްރެޖްކޮށް ކުރާ ހަރަދު ވެސް ފާއިތުވެ ދިޔަ ހަތަރު އަހަރު، އެއް އަހަރުން އަނެއް އަހަރަށް ވަނީ އިތުރުވެފައެވެ. އެގޮތުން ދިވެހިން ރާއްޖޭން ބޭރަށް ކުރާ ޗުއްޓީ ދަތުރުތަކަށް 2015 ވަނަ އަހަރު އެވްރެޖްކޮށް 780 އެމެރިކާ ޑޮލަރު ހޭދަކުރިއިރު އެ އަދަދު މިދިޔަ އަހަރު ވަނީ 890 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.