ކުއްލި ޚަބަރު

އަދީބުގެ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރުނީ، ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގައި ދައުލަތުން އެގޮތަށް އެދިފައިވާތީއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، އެ މައްސަލާގައި އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އެއާ ހިލާފުވެ ރާއްޖެއިން ފިލައިގެން ގޮސްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ދެން ވެސް ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދައުލަތުން ބުނާއިރު މައްސަލައިގެ ބާވަތަށް ބަލައި، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

މި އަމުރާއެކު އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މި ހަފްތާގެ ތެރޭގައި ނެރެފައިވާ އަމުރަށް ދެން އަމަލު ކުރަން ނުޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް ދިނުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން އަށް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމަށް ބުނެ އަދީބަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކުރިއެވެ.