މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހަައްޔަރުކޮށްފައިވަނީ 42 އަހަރުގެ ސިންގަޕޫރު ފިރިހެނަކާއި 35 އަހަރުގެ ކޮސްޓަރިކާ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި ދެމީހުންގެ ތެރެއިން އަންހެން މީހާއަކީ އޮގަސްޓް ހަތެއް ވަނަ ދުވަހުގެ 16:26 އެހާކަންހާއިރު ދޯހާއިން ރާއްޖެ އައި ފްލައިޓަކުން އައި މީހެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާގެ ލަގެޖް ސްކޭން ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނުމާ ގުޅިގެންނެވެ. މި ތަކެތީގެ ވަގުތީ ބަރުދަން ދެ ކިލޯއަށްވުރެ ބަރެވެ.
ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިމައްސަލައާ ގުޅުން ހުރިކަމަށް ތުހުމަތުކުރެވިގެން އޮގަސްޓް ހަތް ވަނަ ދުވަހުގެ 22:35އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިންކަމަށް ފުލުހުން މައުލޫމަތުދެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.