ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް

ސަރުކާރުގެ ބައެއް ބޭފުޅުން ހިތްޕުޅާ ނުވިޔަސް ފާރަވެރިވުމުގެ ދައުރު މަޖިލީހުން އަދާކުރަންޖެހޭ: ހަސަން ލަތީފް

އިބްރާހިމް ޒަކީ

ސަރުކާރުގެ ބައެއް ބޭފުޅުން ހިތްޕުޅާ ނުވި ނަމަވެސް ސަރުކާރަށް ފާރަވެރި ވުމުގެ ދައުރު ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ ހަސަންލަތީފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ހަސަން ލަތީފު ވިދާޅުވީ، ސަރުކާރުގެ ބައެއް ބޭފުޅުން ހިއްޕުޅާ ނުވިނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު އެއް ދައުރަކީ ސަރުކާރަށް ފާރަވެރިވުމުގެ ދައުރު ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އެ ދައުރު އަދާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައިވަނީ ސީދާ ކޮން ބޭފުޅަކަށް ނިސްބަތްކޮށްގެންކަމެއް ފާހަގަ ކުރައްވާފައެއް ނުވެއެވެ.

މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުނީއްސުރެން އެއްވެސް މަޖިލީހަކުން ނުކުރާ މިންވަރަށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތްތަކެއް މަޖިލީހުން ވަނީ ފަށައިފައެވެ.

އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެ ކޮމިޓީގެ ޒިންމާގެ ދަށުން ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކާ އީދުގެ ފަހުން ބައްދަލުކޮށް ނިންމާލެވޭނެ ކަމަށެވެ.

މިހާތަނަށް އައިއިރު ގިނަ މުއައްސަސާތަކާ ކޮމިޓީން ބައްދަލުކޮށް ގިނަ ކަންތައްތަކެއް އޮޅުން ފިލުވައި ތަހުގީގުތަކެއް ކުރަމުން އަންނަ ކަމަށާއި، ބައެއް މުއައްސަސާތަކުގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަަސައްކަތްތައް އެ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރުމަށް މަޖިލީސް މެންބަރުންނަށް ލިބިދޭ ބާރުގެ ދަށުން ގިނަ މިނިސްޓަރުން ތަކެއް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރައްވާފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް އިތުރު މިނިސްޓަރުން މަޖިލީހަށް ހާޒިރު ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ވެސް އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކާ އެ ކޮމިޓީން ބައްދަލުކޮށް ކުންފުނިތަކުގެ މަސަައްކަތްތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިިޓީން ވެސް ގެންދަނީ އަޅަމުންނެވެ.

އެހެން ނަމަވެސް، ބައެއް މުއައްސަސާތަކަށް އާދަޔާ ހިލާފު ކުރު ނޯޓިސް ދިނުމާއި ކުންފުނިތަކުގެ ހިންގުމުގެ ތެރެއަށް ވަންނަ މިންވަރަށް ބައެއް މެންބަރުން ކުންފުނިތަކުގެ ވެރީންނާ ސުވާލުކުރުމާއި މަޖިލީހުގެ ޒިންމާއިން ބޭރުން ކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަމުން ގެންދަވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.