އިންޑިއާގެ ކުރީގެ އެެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖްގެ ޖަނާޒާ ދިއްލީގައި ބާއްވައިފިއެވެ.
އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު އަދި ސަރުކާރު ހިންގާ ބީޖޭޕީގެ ސީނިއާ ލީޑަރު ސުޝްމާ ސުވަރާޖް އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. ސުޝްމާ ސުވަރާޖް އަވަހާރަވި އިރު އެކަމަނާގެ އުމުރުފުޅަކީ 67 އަހަރެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، ސުޝްމާ އަވަހާރަވީ އިއްޔެ ހަވީރު ހާޓް އެޓޭކެއް ޖެހިވަޑައިގެން ނިއު ދެލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ސުޝްމާގެ ޖަނާޒާ މިއަދު ބާއްވާފައިވާ އިރު، އެކަމަނާގެ ހަށިކޮޅު އަންދާލާފައިވަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށެވެ. އަދި އެކަމަނާގެ ޖަނާޒާ ކުރިއަށްގެންގޮސްފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.
ސިޔާސީ މައިދާނުގައި ސުޝްމާ ކުރެއްވި މަސައްކަތްތަކަށް ބަލާއިރު، އިދިކޮޅު ލީޑަރުގެ ގޮތުގައި އެކަމަނާ ވަނީ ގިނަ ބައެއްގެ ތާއީދު ހޯއްދަވާފައެވެ. އަދި ދިއްލީގެ ޗީފް މިނިސްޓަރުކަން ވެސް އެކަމަނާ ކުރައްވާފައިވެއެވެ.
ސުޝްމާގެ ޖަނާޒާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބީޖޭޕީގެ ރައީސް އަމިތު ޝާހުގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.