ސިވިލް ކޯޓް

ރިޔާސީ ކޮމިޝަނަށް މައުލޫމާތު ދޭން ކޯޓު އަމުރެއް ބޭނުމެއްނުވޭ: ސިވިލް ކޯޓު

ޝަހީދާ އަބްދުﷲ ސައީދު

ރިޔާސީ ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މައުލޫމާތު ހޯދުމަށް ރިޔާސީ ކޮމިޝަނުން ހުށަހެޅުމާއި ގުޅިގެން އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައި ދިނުމަށް ބީއެމްއެލްއިން ސިވިލް ކޯޓުގައި އެދުމުންނެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލްއިން ހުށަހަޅާފައިވާ އެ މައްސަލައަކީ އެ ކޮމިޝަނުން އެދޭ މައުލޫމާތުތައް ފޯރުކޮށްދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެމައްސަލައަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަދައްޚުލްވެފައެވެ.

މީގެކުރިން ޖިނާއީ ތަހުގީގުކުރާ އިދާރާއަކުން އެދޭ އެފަދަ މައުލޫމާތު ދޫކުރުމަށް ބޭންކިންއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން ދިޔައީ ތަހުގީގީ އިދާރާތަކާ ހިއްސާކުރަމުންނެވެ. ނަމަވެސް އެ ކަން ހުއްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަކަށް ފަހު ކަމަށް ބޭންކުން ކުރީން ވަނީ ބުނެފައެވެ.

އެ ހުކުމުގައިވާ ގޮތުން ކަސްޓަމަރުންގެ މައުލޫމާތު ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ އިޖުރާއަތްތައް ފުރިހަމަކޮށް، ކޯޓު އަމުރެއް ލިބިގެންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ މިއަދު ކުރެއްވި ހުކުމުގައި ވަނީ، ރިޔާސީ ކޮމިޝަންތަކުގެ އިތުރުން އެހެން ތަހުގީގީ އިދާރާ އަކުން ވެސް ބޭންކުން މައުލޫމާތު ހޯދަން ކޯޓު އަމުރެއް ހޯދަން ނުޖެހޭނެ ކަމަށެވެ. އެގޮތުން ބޭންކުން މައުލޫމާތެއް ހޯދަން އެފަދަ އިދާރާ އަކުން ލިޔުމުން ހުށަހަޅައިފިނަމަ އެ މައުލޫމާތެއް ބޭންކުތަކުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެއެވެ.