އިބްރާހިމް ޒަކީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާއި އަދި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ގއ. ވިލިނގިލި ބައެއް ކައުންސިލަރުން އަމަލުކޮށްފައިވާތީ، ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައި، ވިލިނގިލީގައި ގާނޫނާ ހިލާފަށް ތެލުގެ ވިޔަފާރި ކުރާތީ ޒަލްދާން އޮއިލް ސަޕްލައިސްއާ މެދު ފިޔަވަޅު އެޅުމަށް އޭސީސީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެފަރާތްތަކަށް ފިޔަވަޅުއަަޅަން އޭސީސީން ހުށަހެޅީ، ޒަލްދާން އޮއިލް ސަޕްލައިސްއިން ވިލިގިލީގައި ގާނާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި، އެއީ ކައުސިލް އިދާރާއަށް ބިމުކުލި ނުދައްކައި ކައުންސިލް މެންބަރުންގެ ކޮރަޕްޝަން ހިމެނޭގޮތަށް ކުރަމުންދާ ވިޔަފާރިއެއްކަމަށް ބުނެ ހުށަހެޅުނު މައްސަލަ ބަލައި، އޭސީސީން އެންގި ގޮތަށް އަމަލް ކޮށްފައިނުވާތީއެވެ.
އޭސީސީން ބުނީ އެ މައްސަލަ ބެލުމުން ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގާފައިވާ ގިިނަ ކަންތައައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެ ބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުންކުރަމުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށްކަމަށާއި، އެ ފަރާތަކީ، ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު ގައި ބަޔާންކުރާ ގޮތަށް ތެލުގެ ވިޔަފާރި ކުރަށް ޑިފެންސް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތެއް ނޫންކަން ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނީ ބިމު ކުލީގެ ގޮތުގައި ޒަލްދާން އޮއިލް ސަޕްލައިސްއިން ދައްކަންޖެހޭ ފައިސާ ވިލިނގިލި ކައުންސިލްގެ އިދާރާއަށް ދައްކާފައި ނުވާކަމާއި، އެބިމަކީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު ގެ ދަށުން ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަދެވިދާނެ އަދި ތެލުގެ ވިޔަފާރި ކުރެވިދާނެ ބިމެއް ނޫންކަމަށެވެ.
"ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަ ނުދެވޭނެތީ ބިމުގެ މުއްދަތު ހަމަވުމުން އެ ބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން ވިލިނގިލި ކައުންސިލުން ނިންމާފައިވާއިރު، އަދި އެބިން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވިތާ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، އަދި އެބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުންކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމުގައިވާއިރުވެސް، އެބިން ގއ. ވިލިނގިލި ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް މިހާތަނަށް ގެންގޮސްފައެއް ނުވޭ" އޭސީސީން ފާހަގަ ކޮށްފައިވެއެވެ.
އޭސީސީން ބުނީ ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި، އެ ބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށާއި، އެބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން ހޯދުމަށް މިއަހަރުގެ މާޗް މަހުން ފެށިގެން ވިލިނގިލި ކައުންސިލަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ.