އާސަންދަ

އާސަންދައިގެ ހިދުމަތް، ހެލްތު މިނިސްޓްރީގެ ދަށުން ޖެންޑާ މިނިސްޓްރީއަށް ބަދަލު ކުރަނީ

އިބްރާހިމް ޒަކީ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދެމުން އަންނަ އާސަންދައިގެ ހިދުމަތް، ހެލްތު މިނިސްޓްރީގެ ދަށުން ޖެންޑާ މިނިސްޓްރީއަށް ބަދަލު ކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ހިދުމަތް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައެވެ.

މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު މި އިސްލާހު ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 42 ވަނަ މާއްދާއަށެވެ.

ގާނޫނުގެ 42 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ، އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގުމަށްޓަކައި "ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" އޮންނަން ޖެހޭނެ ކަމަށެވެ. އަދި މި ހިދުމަތް ހިނގަމުންދާނީ ސިއްހަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ވަޒީރުގެ މަސްއޫލިއްޔަތުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ، ހެލްތު މިނިސްޓަރުކަމަށް ގާނޫނުގައި ބުނެފައިވާ މާއްދާ، ރައްޔިތުންނަށް އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށް ބަދަލު ކުރުމަށެވެ.

މިބިލަށް ކުރިއަށްދިޔަ ބަހުސްގައި މެންބަރުން ވިދާޅުވީ، މި ބަދަލަކީ މުހިއްމު ބަދަލެއް ކަމަށާއި މިކަމުގެ ސަބަބުން އެ ހިދުމަތް ކޮންމެހެން ބޭނުންވާ ފަރާތްތަކަށް ހިދުމަތް ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.