އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު އަދި ސަރުކާރު ހިންގާ ބީޖޭޕީގެ ސީނިއާރ ލީޑަރު ސުޝްމާ ސުވަރާޖް އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 67 އަހަރެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި، ސުޝްމާ އަވަހާރަވީ މިއަދު ހަވީރު ހާޓް އެޓޭކެއް ޖެހިވަޑައިގެން ނިއު ދެލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
ސުޝްމާ ސްވަރާޖްގެ ފިރިކަލުންނާއި އާއިލާގެ އެހެން މެންބަރުންގެ އިތުރުން ބީޖޭޕީ ލީޑަރުން ވެސް މިހާރު ތިއްބެވީ އެއިމްސް ހޮސްޕިޓަލުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނިމިދިޔަ ސަރުކާރުގައި މުހިންމު އަދި އިސް ދައުރެއް އަދާކުރެއްވި ސުޝްމާ ވަނީ އެއިމްސްއިން އޭޕްރިލް 2016 ގައި ކިޑްނީ ޓްރާންސްޕުލާންޓެއް ހައްދަވައިފައެވެ.
އެކަމުގެ އާލާސްކަންފުޅާ ގުޅިގެން މިއަހަރު ބޭއްވި އާންމު އިންތިހާބުގައި ވެސް އެކަމަނާ ވާދަ ކުރައްވައިފައެއް ނުވެއެވެ.