ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
ދަގަނޑޭ އެހެން ބުނެފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް ދިން މެސެޖެއްގައެވެ.
ދަގަނޑޭ ބުނީ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމިހުރުން ކަމަށާއި އަދި ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނެ ކަމަށެވެ.
"އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މިގޮތުގައި ދެމިހުރުން. އަދި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނަން. ހުރިހާ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ." ދަގަނޑޭގެ މެސެޖުގައި ބުނެފައިވެއެވެ.
ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ދައުރު އަދާކުރި ދަގަނޑޭއަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޮޑުން ވަކި ކުރި ފަހުން ދަގަނޑޭއަށް ގައުމީ ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ. އެފަހަރު ދަގަނޑޭ ސްކޮޑުން ވަކި ކޮށްފައިވަނީ އޭއެފްސީ ކަޕްގައި މިދިޔަ އަހަރުގެ މާޗް މަހު ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ.