ކުރިއަށް އޮތް ބޮޑު އީދަށް ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމައި، ޓިކެޓް ވިއްކަން ފަށައިފިއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަންނަ ހުކުރު ދުވަހު ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް އޮޕަރޭޝަންސް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ.
އަންނަ އާދީއްތަ ދުވަހު ފަށާ މިއަހަރުގެ ބޮޑު އީދު ޗުއްޓީއާ ދިމާކޮށް ކުޅުދުއްފުއްޓަށް ފްލައިޓް ދަތުރުތައް ފަށަން ނިންމާފައިވާ އިރު، ކުޅި ހިއްކައިގެން ހަދާފައިވާ އެ އެއާޕޯޓަށް ޖައްސާ ފްލައިޓްތަކަށް ދޫނީގެ ސަބަބުން ނުރައްކާވެދާނެތީވެ ސިވިލް އޭވިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީންނާއި އެންވަޔަރަމަންޓް މިނިސްޓްރީން ވެސް ވަނީ ދޫނިތައް މަދުކޮށް، ބާޑްސްޓްރައިކަށް ހައްލު ހޯދޭނެ ކަމަށް ބުނެފައެވެ.
މިދިޔަ ސަރުކާރުން ފެށި ކުޅުދުއްފުށީ އެއާޕޯޓް ނިންމުމަށް މި ސަރުކާރުން ވެސް ވަނީ މިއަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ހިމަނައިފައެވެ.