މުހައްމަދު އައުޒަމް
ފަސިންޖަރުން އުޅޭ ނޫޅޭގޮތް ބެލުމަށް ކެތޭޕެސިފިކް ފްލައިޓުތަކުގައި ކެމެރާ ހަރުކުރަން ނިންމައިފިއެވެ.
ހޮންގކޮންގގެ ކެތޭޕެސިފިކް އެއާލައިންގެ ފްލައިޓުތެރޭގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާއިރު މީގެ ކުރިން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުންވެސް ފްލައިޓު ތެރޭގައި ފަސިންޖަރުން އުޅޭ ނޫޅޭ ގޮތް ބެލުމަށް ކެމެރާ ހަރުކޮށްފައިވެއެވެ. ނަމަވެސް ފަސިންޖަރުންގެ ހިތްހަމަނުޖެހުމާއި ގުޅިގެން އެއާލައިންތަކުން ވަނީ ކެމެރާތައް ނަގައިފައެވެ.
ކެތޭޕެސިފިކް އިންވަނީ ކެމެރާ ބޭނުންކޮށްގެން ފަސިންޖަރުން ފްލައިޓުގެ އެންޓަޓައިންމެންޓް ސިސްޓަމް ބޭނުންކުރާގޮތާއި ފްލައިޓުތެރޭގައި ފަސިންޖަރުންގެ ހުރިހާ ހަރަކާތްތަކެއް މޮނިޓާކުރުމަށް ނިންމާފައެވެ. ކެތޭޕެސިފިކް ފްލައިޓުގައި ހަރުކުރާ ކެމެރާތައް ހުންނާނީ ފްލައިޓުގެ ކެބިން ތެރޭގައި ކަމަށްވެސް އެ އެއާލައިނުން ބުނެ އެވެ.
ކެތޭޕެސިފިކްގެ ފްލައިޓުތަކުގައި ހަރުކުރާ ކެމެރާގެ ރެކޯޑިންގ ރައްކާތެރިކަމާއެކު ބަލަހައްޓާނެކަމަށް ވަނީ ބުނެފައެވެ. އަދި މިރެކޯޑިންގތަކުގެ އެހީގައި މުސްތަގުބަލުގައި ކެތޭޕެސިފިކްގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށްވެސް ކެތޭޕެސިފިކްއިން ބުނެފައިވެއެވެ.
މީގެ ކުރިން ބޮޑެތި އެއާލައިންތަކުންވެސް ފަސިންޖަރުންގެ ހަރަކާތްތައް ބެލުމަށް ފްލައިޓުގެ އެންޓަޓައިންމަންޓް ސިސްޓަމުގައި ކެމެރާ ހަރުކޮށް ބޭނުންކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ބްރިޓިޝް އެއާވޭސްގެ ޑޭޓާތަކެއް ލީކުވުމާއިގުޅިގެން ފަސިންޖަރުންގެ ހިތްތަމަނުޖެހުން ފާޅުކުރުމުގެ ސަބަބުން ހުރިހާ އެއާލައިންތަކުން ވަނީ ކެމެރާ ސިސްޓަމް ބޭނުންކުރުން ހުއްޓާލައިފައެވެ. ބްރިޓިޝް އެއާވޭސްގެ ޑޭޓާތަކެއް ލީކުވުމުގެ ސަބަބުން އެ އެއާލައިން ވަނީ އީޔޫއިން 230 މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއްކޮށްފައެވެ.