އަލީ ރިފްޝާން
އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ބާސެލޯނާގެ ފަރިތަކުރުމެއްގެ ތެރެއިން އަނިޔާވެއްޖެއެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗުއްޓީއަށްފަހު، މެސީ ބައިވެރިވި ބާސާގެ ފުރަތަމަ ފަރިތަކުރުމުގައި އޭނާގެ ފައިގެ ކުޑަކަޅުވާއަށް ވަނީ އަނިޔާވެފައެވެ.
އުމުރުން 32 އަހަރުގެ ފޯވަޑަށް ލިބުނު އަނިޔާއާ ގުޅިގެން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއަށް ބާސާ ކުރާ ދަތުރު ގެއްލޭނެއެވެ. އަނިޔާއަށްފަހު މެސީ ފިޓްވާނެ ދުވަހެއް ބާސާ އިން ހާމަނުކުރި ނަމަވެސް، އެ އަނިޔާއަށް މާ ގިނަ ދުވަސް ނުނަގާނެ ކަމަށް މެސީ ވަނީ ބުނެފައެވެ.
"އަހަރެންގެ ފުރަތަމަ ޓްރެއިނިން ސެޝަނުގައި ކުރިމަތިވި ކުޑަ އެކްސިޑެންޓެއްގައި ވަނީ އަނިޔާއެއް ވެފައި. އެއީ ކުޑަ އަނިޔާއެއް. އަނިޔާއަށް ފަހު ފިޓުވާން ދުވަސްކޮޅެއް ނަގާނެ. އެމެރިކާއަށް ކުރާ ދަތުރުގައި ޓީމާއެކު ދާން އަހަރެން ބޭނުންވި. އެކަމަކު މިފަހަރު ނުފެންނާނެ،" އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް ދިން މެސެއްޖެއްގައި މެސީ ބުންޏެވެ.
ސްޕެނިޝް ލަލީގާގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސާ އިން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ނުކުންނަން ޖެހޭނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.