މިނިސްޓްރީ އޮފް ހެލްތް

މީދޫ ހޮސްޕިޓަލުގެ މަޝްރޫއު ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ: ހެލްތު މިނިސްޓްރީ

ފަތޯނާ ފާއިޒު

ރ.މީދޫގެ ސިއްހީ މަރުކަޒު ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

"ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މީދޫ ހޮސްޕިޓަލު މަޝްރޫއު ފެށުމަށް ހުރިހާ ކަމެއްވެސް އޮތީ ނިމިފައި ކަަމަށާއި އަންނަ ހަފުތާ ތެރޭގައިވެސް އެމަޝްރޫއު ބަޔަކާ ހަވާލު ކުރެވިދާނެ ކަމަށެވެ.

މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަަލަކަށް ބަދަލު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެތަނުގެ ކުރެހުން ނިމި، މިހާރު ކުރަމުން އަންނަނީ އެމަޝްރޫއު ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެެވެ.

މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފައިވަނީ މިދިޔަ ޖޫންމަހުގައި ރައީސް ސޯލިހް ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި، އެރަށަށް ދިމާވެފައިވާ ދަތިތައް އެއްސެވުމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވެސް ބައިވެެރިވެޑައިގަތެެވެ. މީދޫގެ ސިއްހީ މަރުކަޒު 2015 ވަނަ އަހަރުގެ މާޗުމަހުގައި 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލު ކުރި ނަމަވެސް، އެތަނުން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ. ރައީސް ސޯލިހު ވަނީ މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން، އެމަޝްރޫއާ ގޮތުން ހެލްތު މިނިސްޓަރު އަމީން އާ ސުވާލު ކުރަން މިއަދު އެމަނިކުފާނު ވަނީ މަޖިލީހަށް ހާޒިރު ކުރައްވައިފައެވެ. މިއަދު ހެނދުނު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 29 ވަނަ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި އެމަޝްރޫއަށް ހަތަރު މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިއަހަރު މަސައްކަތް ފެށިއްޖެނަމަ އެއީ މިވަގުތަށް އެކަށީގެންވާ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަޝްރޫއަށް މުޅި ޖުމްލަ 80 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

"މަސައްކަތް ފެށޭތާ 18 މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދެވޭވަރުވާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ހޮސްޕިޓަލެއްގެ ގޮތުގައި މީދޫ ސިއްހީ މަރުކަޒުން ހިދުމަތް ދޭން ފެށުމުން އޮޕަރޭޝަން ތިއޭޓަރެއްގެ އިތުރުން، އާއްމު ހޮސްޕިޓަލަކުން ލިބޭ އެހެނިހެން ހިދުމަތް އެތަނުން ލިބިގެންދާނެ ކަމަށެވެ.