ހދ. ކުޅުދުއްފުށީގައި ސަރުކާރުން ތަރައްގީކުރި އެއާޕޯޓު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.
މިއަދު ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން ރައީސް ޔާމީން ވަނީ އެމްޑަބްލިއުއެސްސީއިން އެ ރަށުގައި ހަދާފައިވާ ބޮޓްލައިން ޕްލާންޓް ވެސް ހުޅުއްވައިދެއްވައިފައެވެ.
މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެއާޕޯޓް ހުޅުވުމަށް ރައީސް ވަޑައިގަތުމުން ކުޅުދުއްފުށިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ މިދިޔަ އާދީއްތަ ދުވަހު ނިންމާފައިވީ ނަމަވެސް، އެއާޕޯޓުގެ އެހެނިހެން މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ. އެ އެއާޕޯޓުގެ މަސައްކަތްތައް ކުރަމުންދާ އެމްޓީސީސީން ބުނާގޮތުގައި ހުރިހާ މަސައްކަތެއް ވެސް ދާދި އަވަހަށް ނިމިގެންދާނެއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މެނިފެސްޓޯގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 53.4 މިލިއަން ރުފިޔާއަށެވެ. އޭގެ އިތުރުން ރަންވޭ އެޅުމަށް 50.9 މިލިއަން ރުފިޔާއަށް ހަމަ އެ ކުންފުންޏާ ހަވާލުކުރިއެވެ.
ކުޅުދުއްފުށީގެ އިތުރުން ށ. ފުނަދޫގައި ވެސް ދަނީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ އެއާޕޯޓުގެ މަސައްކަތްތަކުގެ ތެރެއިން ރަންވޭގެ މަސައްކަތް ދާދި އަވަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.