އަބޫ ދާބީ: މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ)ގެ ޖަލުތަކުގައި ތިބި 669 ގައިދީއަކަށް އެގައުމުގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން މައާފު ދެއްވައިފިއެވެ.
މެދުއިރުމަތީގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ޝައިހް ހަލީފާ ވަނީ މިނިވަންކުރި ގައިދީން ދައްކަންޖެހޭ ފައިސާތައް ވެސް ދައްކައިދޭން ނިންމަވައިފައެވެ.
"މި އަމަލުފުޅަކީ ގައިދީންނަށް އާ ދިރިއުޅުމެއް ފެށުމުގެ ފުރުސަތު ދިނުމަށާއި އެ ގައިދީންގެ އާއިލާތަކުން އުފުލަމުންދާ ހިތްދަތިކަމަށް ލުޔެއް ހޯދައިދެއްވުމަށް ނިންމެވި ނިންމެވުމެއް،" ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.
ރަމަޟާން މަހާއި އެހެނިހެން ދީނީ ހާއްސަ ދުވަސްތަކާ ދިމާކޮށް ގައިދީންނަށް މައާފު ދިނުމަކީ ޔޫއޭއީގެ ވެރިންގެ ސަގާފަތެކެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް އެގައުމުގެ ޖަލުތަކުގައި ހުކުމްތައް ތަންފީޒު ކުރަމުންދިޔަ 4000 އަށްވުރެ ގިނަ ގައިދީންނަށް ވަނީ މައާފުދީ މިނިވަންކޮށްފައެވެ.
މިގޮތަށް މިނިވަންކުރާ ގައިދީން ކަނޑައަޅަނީ، އެމީހުންގެ އަހުލާގަށް ބެލުމަށްފަހުއެވެ. އަދި ފައިސާ އާއި ދަރަނީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް އިސްކަންދެއެވެ.