ޝަހީދާ އަބްދުﷲ ސައީދު
ގދ. ހޯޑެއްދޫ ސުކޫލު ދަރިވަރެއްގެ ލޯމަތި ފެޅިގެން އެ އަތޮޅު ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ހޯޑެއްދޫ ސުކޫލުގެ ޕްރިންސިޕަލް މިދުހަތުﷲ އަބްދުލްއަޒީޒު ވިދާޅުވީ، ގްރޭޑް 3 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ފިރިހެން ދަރިވަރަކަށް އެ ހާދިސާ ދިމާވީ މިއަދު 11:50 ހާއިރު ކަމަށެވެ.
އެކަން ހިނގައިދޔަ ގޮތް ވިދާޅުވެ ދެއްވަމުން މިދުހަތުﷲ ވިދާޅުވީ އެ ހާދިސާ ހިނގީ ކުލާހުގެ ދަރިވަރުން ސުކޫލު ގޯތިތެރޭގައި ކުޅެން އުޅުމުގެ ތެރޭގައި ކުއްޖާ ދުއްވައިގަތް ވަގުތު ފަހަތުގައި ހުރި ކުއްޖާ ބުރަކަށީގައި އަޅައި ކޮއްޕާލުމުން ކަމަށެވެ. އެވަގުތު ޓީޗަރުވެސް ވަރަށް ކައިރީގައި ހުރި ކަމަށާއި ޓީޗަރަށް ކުއްޖާ ގައިގައި ހިފެހެއްޓުމުގެ ކުރިން ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުއްޖާ ވެއްޓި ލޯމަތި ޖެހުނީ ބަގީޗާ އިންދަން ހަދާފައި ހުރި ބެޑުގެ ގާފޮޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދުހަތުﷲ ވިދާޅުވީ އެވަގުތު އެރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދެވުނު ކަމަށާއި އެކަށީގެންވާ ރަނގަޅު ފަރުވާއެއް ދިނުމަށް ބޭނުންވާތީ ސްކޫލުން އާސަންދަ ހަމަޖައްސައި ދިނުމަށްފަހު ބެލެނިވެރިޔާއާއެކު ތިނަދޫ ހޮސްޕިޓަލަށް ވަގުތުން ފޮނުވާލެވުނު ކަމަށެވެ.
މިދުހަތުﷲ ވިދާޅުވީ ކުއްޖާގެ ލޯ ކައިރިން ހަލާކުވިތަނުގެ ފުންމިން ގާތްގަނޑަކަށް ބައި އިންޗި ވަރު ހުންނާނެ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ކުއްޖާގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހާދިސާ ހިންގަން މެދުވެރިވީ ކުއްޖަކު ކޮއްޕާލުމުންކަން ފާހަގަކުރައްވައި، ޕްރިންސިޕަލް ވިދާޅުވީ އަނިޔާ ލިބުނު ކުއްޖާ ކޮއްޕާލި ކުއްޖަކީ އެހެން ކުދިންނާ އަޅާ ބަލާއިރު ވަރަށްބޮޑަށް ހަރަކާތްތެރި ކުއްޖެއް ކަމަށާއި އެކަމުގެ ޝަކުވާ ބެލެނިވެރިން ވަރަށް ބޮޑަށް ކުރާ ކަމަށެވެ.
އެހެންކަމުން ކުއްޖާއަށް ހާއްސަ ސަމާލުކަމެއް ދީގެން ޓީޗަރުން ކުއްޖާ ބަލަހައްޓަމުން އަންނަކަން ފާހަގަކުރައްވައި ޕްރިންސިޕަލް ވިދާޅުވީ އެހެން ކުދިންނާ ވަކިކޮށްގެންވެސް ކުއްޖާ ލައްވައި ކުލާހުގެ މަސައްކަތްތައް ކުރުވާ ކަމަށެވެ.