ޝަހީދާ އަބްދުﷲ ސައީދު
ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ބޭނުންވެއްޖެނަމަ ފްރޭމްކޮށްގެން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވުމުން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން ލުތުފީގެ ރައްޓެއްސަކާ ފޯނުން ދެއްކެވި ވާހަކަތަކުގެ އޯޑިއޯއެއް މީސް މީޑިއާގައި ލީކުވެފައިވަނިކޮށް، ސަންގު ޓީވީ އަށް ރޭ ދެއްވި އިންޓަވިއުގައި ލުތުފީ ވިދާޅުވީ އޭނާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށް ވެސް އިންޒާރު ދެއްވި ކަމަށެވެ.
އޯޑިއޯއަކީ ސައްހަ އޯޑިއޯއެއްކަން ފާހަގަކުރައްވައި ލުތުފީ ވިދާޅުވީ، އިންޒާރުތައް ދިންތާ ހަފުތާއެއް ފަހުން އަނެއްކާވެސް އޮފީހަށް ނުކުންނަވަން ފެށުމާއެކު މިނިސްޓަރު އިމްރާން އާރަށުގައި ހުންނަވައި، ''އަނެއްކާވެސް ކަލޭ އޮފީހަށް ނުކުންނަނީހޭ'' ވިދާޅުވެ އިންޒާރު ދެއްވި ކަމަށެވެ.
އޯޑިއޯގައި ލުތުފީ ވިދާޅުވީ އޭގެ ފަހުންވެސް އެކިއެކި ނަންބަރުތަކުން ގުޅައި މީހުން އިންޒާރުދިން ކަމަށާއި މަގުމަތިން ފެނުމުން ބިރުދައްކައި ކަރުގައިވެސް ހިފި ކަމަށެވެ. އަދި އެދަރަޖައަށް ކަންތައްތައް ދިއުމުން މަޖުބޫރު ވެގެން ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކަމަށް ވިދާޅުވިއެވެ. އަދި މަގާމުން އިސްތިއުފާދެއްވީ ވެސް މަޖުބޫރުކޮށްގެން ކަމަށް ލުތުފީ ވިދާޅުވިއެވެ.
އޯޑިއޯގައި ލުތުފީއާ ވާހަކަދެއްކި މީހާ ވަނީ އެމައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރިންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ލުތުފީ ވިދާޅުވެފައިވަނީ އެކަމުގައި އިންސާފު ލިބޭނެކަމަށް ގަބޫލު ނުކުރައްވާތީ އެ މައްސަލަ ރިޕޯޓް ނުކުރާކަމަށެވެ.
ލުތުފީ ވަނީ އިންޒާރުތައް ލިބުނު ނަމަވެސް އޭނާ ރާއްޖެ ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް ހާމައެއް ނުކުރައްވައެވެ.
މިނިސްޓަރު އިމްރާންގެ މައްޗަށް މިފަދަ ތުހުމަަތުތަކެއް ލުތުފީ ކުރެއްވި އިރު، އިމްރާން މިވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާގައެވެ. އެހެންކަމުން އިމްރާންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މިދިޔަ އެޕްރީލް މަހުން ފެށިގެން ޗުއްޓީއެއް ނެންގެވުމަށްފަހު، ލުތުފީ އެސީސީގެ ވަޒީފާއަށް ނުނިކުމެ ދިރިއުޅެމުން ގެންދަވަނީ އާއިލާއާއެކު ރާއްޖެއިން ބޭރުގައެވެ.
މުސާރަ ނަންގަވައިގެން ވަޒީފާއަށް ނުނިކުންނަވާތީ، މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރަން ފެންނަ ކަމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކުރުމާއެކު ލުތުފީ ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.