އިމިގްރޭޝަން

ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބެއް އިމިގްރޭޝަނުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވައިފި

މަރިޔަމް ޝަހުދާ

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަނުން ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބެއް ހުޅުވައިފި އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ގަން އެއާޕޯޓުގައި މިއަދު ގާއިމްކުރި ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބަކީ ރާއްޖެއަށް އެތެރެވެ އަދި ބޭރުވުމަށް ބެނުން ކުރާ ދޮރާށިތަކަކީ ސަލާމަތީީގޮތުން ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމް ކުރި ލެބެކެވެ.

މިކަމަށް ހާއްސަކޮށްގެން ގަމު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ލެބް އިފްތިތާހުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގެވެ.

މި ލެބަކީ ޕާސްޕޯޓު ފަދަ ޝަހުސު އަންގައިދޭ އަދި ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި ލިޔެކިއުންތަކުގެ ސައްހަކަން ތަހުލީލު ކުރެވޭނެ ލެބެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އަދި އެ ލިޔެކިޔުންތައް ބޭނުންކުރަނީ ސައްހަ ގޮތުގައިތޯ ޒަމާނީ ޓެކްނިލޮޖީގެ އެހީގައި މި ލެބުން ބެލޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން ބުނީ ގަން އެއާޕޯޓުން ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ފަރާތްތަކުގެ ޕާސްޕޯޓުގެ ސައްހަކަން ދެނެގަތުމަށް މި ލެބަކީ އެޅުނު މުހިއްމު ފިިޔަވަޅެއް ކަމަށެވެ.

މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވި ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބަކީ ރާއްޖޭގައި ހުޅުވި މިފަދަ ދެވަނަ ލެބެވެ. 2015 ވަނަ އަހަރު ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.