މެންބަރު އާދަމް ޝަރީފް އުމަރު

ބިދޭސީންނަށް ރައްޔިތުކަން ދިނުމަކީ ގައުމިއްޔަތު ފުނޑުފުނޑުވާނެ ކަމެއް، ގޮތް ނިންމާނީ ރައްޔިތުން

ބިދޭސީންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުމަކީ ގައުމިއްޔަތު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވީ ރާއްޖޭގެ ރައްޔިތުކަން ބޭރުމީހުންނަށް ދޭންއުޅޭކަމަށް ބުނެ އިދިކޮޅުން ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އާދަމް ޝަރީފު ވިދާޅުވީ ބިދޭސީންނަށް ރައްވެހިކަން ދިނުމަކީ ނަސްލީ ހަމަނުޖެހުންތަކުގެ ހާއްޔަކަށް ރާއްޖެ ވެގެންދާނެ ކަމެއް ކަމަށެވެ.

އަދި ދިވެހި ރާއްޖޭގައި ދިވެހިން އިތުރަށް ބީރައްޓެހިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އާދަމް ޝަރީފު ވިދާޅުވީ ބިދޭސީންނަށް ރައްޔިތުކަން ދިނުމުގައި ހުރިހާ އެންމެންގެ އަޑު އިއްވަންޖެހޭނެ ކަމަށާއި، ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އިއްޔެ ކުރެއްވި ޓްވިޓެއްގައި ވަނީ، 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭގައި އުޅޭ، ބިދޭސީން އެބަތިބި ކަމަށާއި އެމީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާމެދު ހިޔާލަކީ ކޮބައިތޯ ބެލުމަށް ސުވާލު ކުރައްވައިފައެވެ.