ބ. ތުޅާދޫ

ތުޅާދޫގައި ހުރި އައިސް ޕްލާންޓުން އަންނަ ހަފުތާއިން ފެށިގެން އައިސް ލިބޭނެ

ބ. ތުޅާދޫގައި ގާއިމްކުރި އައިސް ޕްލާންޓުން އަންނަ ހަފުތާއިން ފެށިގެން މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ ކަމަށް ފިޝަރީޒު މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒު މިނިސްޓްރީން މިއަދު ބުނީ، އެއީ ސަރުކާރުގެ ބަޖެޓުން 2.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ އައިސްޕްލާންޓެއް ކަމަށެވެ. މި އައިސްޕްލާންޓް އޮފަރޭޓްކުރަން ފެށުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ހުންނާނެ އެވެ.

ތުޅާދޫގައި ގާއިމްކުރި އައިސް ޕްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭއިރު، މި އައިސްޕްލާންޓުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

ތުޅާދޫގައި ގާއިމްކުރި އައިސްޕްލާންޓަކީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރާ ހަތް އައިސް ޕްލާންޓްގެ ތެރެއިން އެއް ޕްލާންޓެވެ. މި އައިސްޕްލާންޓަކީ ފިޝަރީޒް މިނިސްޓްރީގެ ލޯނު ޕްރޮގުރާމްގެ ދަށުން މިފްކޯއިން ގާއިމްކުރި އައިސްޕްލާންޓެކެވެ.

ރާއްޖޭގެ ތިން ސަރަޙައްދެއްގައި އައިސް ޕްލާންޓް ގާއިމް ކުރަން ސަރުކާރުން މިފްކޯއާ ހަވާލު ކުރީ 2016 ވަނަ އަހަރުއެވެ. ތުޅާދޫގެ އިތުރުން އައިސް ޕްލާންޓް ގާއިމްކުރާ ރަށްރަށަކީ ރ. އަލިފުށި ނ. ޅޮހީ ގއ. ކޮލަމާފުށި ގއ. ދާންދޫ، ގއ. ދެއްވަދޫ އަދި ތ. ހިރިލަންދޫއެވެ.