ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ބ. އަތޮޅު ފައިނަލުގައި ތުޅާދޫއާއި އޭދަފުށި ވާދަކުރަން ޖެހިއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ބ. އަތޮޅު ލީގު ބުރު ފަހު މެޗު ކުޅެފައެވެ. ބ. އަތޮޅުން މިފަހަރު ތިން ޓީމު ވާދަކުރަމުން އަންނައިރު، އޭދަފުށިން ރޭގެ މެޗަށް ނުކުތީ 1-0 އިން ތުޅާދޫ ބަލިކޮށްގެންނެވެ. އަނެއްކޮޅުން ފެހެންދޫ ރޭ ނުކުތީ 1-0 އިން ތުޅާދޫ ކައިރިން ބަލިވެފައި އޮވެގެންނެވެ.
ރޭގެ މެޗަށް ނުކުތްއިރު، އަތޮޅު ތިން ޓީމަށްވެސް ފައިނަލަށް ހަމަހަމަ ފުރުސަތު އޮތް އިރު، ރޭގެ މެޗުގައި އޭދަފުށިން ފެހެންދޫ ބަލިކުރީ 2-0 އިންނެވެ.
އޭދަފުށިން ރޭގެ މެޗަށް ނުކުތީ އަނިޔާގައި ތިިބި މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) ވެސް ރޭގެ މެޗުގައި ފެނިގެން ނުދެއެވެ.
އެ ކުޅުންތެރިންނާ ނުލައި ކުޅުނު އޭދަފުށިން ކުރީކޮޅުގައި ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)އެވެ. އޭގެފަހުން އޭދަފުށި ލީޑު ފުޅާކުރީ ހުސައިން ޝަރީފް ކާމިޔާބުކޮށްދިން ގޯލުންނެވެ. އެއީ އޭނާ މިހާތަނަށް ޖެހި ދެވަނަ ގޯލެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ވ. ފެލިދޫ - ވ. ކެޔޮދޫ (އަތޮޅު ފައިނަލް)
21:00
ގްރައުންޑް 1: ޅ. ނައިފަރު - ޅ. ކުރެންދޫ
ގްރައުންޑް 2: ޅ. ހިންނަވަރު - ޅ. އޮޅުވެލިފުށި
22:00
ގްރައުންޑް 1: ތ. ތިމަރަފުށި - ތ. ވޭމަންޑޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ތ. ހިރިލަންދޫ - ތ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)
23:00
ގްރައުންޑް 1: ލ. ގަން - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ލ. އިސްދޫ - ލ. މާބައިދޫ (އަތޮޅު ސެމީ ފައިނަލް)