ގޯލްޑަން ފުޓްސަލް ޗެލެންޖް

ޗެމްޕިއަން އޭދަފުށި ފެށީ މޮޅަކުން، މާއެނބޫދޫން ބަނޑިދޫ ކޮޅަށް 12 ގޯލު

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުށި ކާމިޔާބުކުރިއިރު ދެވަނަ މެޗު ދ. މާއެނބޫދޫން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ފޯރިއާއެކު ކުރިއަށްދާ އިރު، އިއްޔެ ހަވީރު ކުޅުނީ ބ. އަތޮޅުގެ ފުރަތަމަ މެޗާއި ދ. އަތޮޅުގެ ފުރަތަމަ މެޗެވެ.

ބ އަދި ދ އަތޮޅުންވެސް މިފަހަރު މުބާރާތުގައި ކޮންމެ އަތޮޅަކުން ތިން ޓީމު ބައިވެރިވެފައިވުމާއެކު، އަތޮޅު ފައިނަލަށް ދާނީ ލީގު ބުރު ނިމޭއިރު، އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދި އޭދަފުށިން މިއަހަރު މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލ. ގަން އަތުން ބަލިވެފައި އޮވެ، އަތޮޅު ބުރުގެ ފުރަތަމަ މެޗަށް ނުކުމެ، އިއްޔެ ތުޅާދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އޭދަފުށިން ކާމިޔާބުކުރި ހަމައެކަނި ގޯލު، ނުވަވަނަ މިނެޓުގައި ޖަހައިދިނީ ހުސައިން ޝަރީފެވެ.

އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ދެން ބ. އަތޮޅުން ވާދަކުރަނީ ފެހެންދޫއެވެ.

ދ. އަތޮޅުންވެސް ތިން ޓީމު ވާދަކުރާ އިރު، މާއެނބޫދޫން ވަރުގަދައަށް ފެށީ ބަނޑިދޫ ކޮޅަށް 12 ގޯލު ޖަހައި، 12-0 އިން މެޗުން މޮޅުވެގެންނެވެ.

މާއެނބޫދޫގެ އަލީ ޝާމިއު ހެޓްރިކް ހެދި އިރު، އާމިލް އަލީއާއި އަލީ ޝައިބާން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލުތައް ޖަހައިދިނީ މުހައްމަދު ޝާހާއި އަހުމަދު އީމާން، އަހުމަދު ޝައިހާންގެ އިތުރުން މުހައްމަދު ނިޔާޒް އަދި މުހައްމަދު ސާއިން ސަލީމެވެ.

ދ. އަތޮޅުން މާއެނބޫދޫގެ އިތުރުން ދެން ވާދަކުރަނީ އެއަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ދ. ކުޑަހުވަދޫއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނައިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

ހަވީރު އޮންނަ މެޗުތައް

16:00
ގްރައުންޑް 1: ތ. ތިމަރަފުށި - ތ. ވިލުފުށި
ގްރައުންޑް 2: ތ. ދިޔަމިގިލި - ތ. އޮމަދޫ

17:00
ގްރައުންޑް 1: ތ. ކަނޑޫދޫ - ތ. ހިރިލަންދޫ
ގްރައުންޑް 2: ތ. ގާދިއްފުށި - ތ. ވޭމަންޑޫ

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ގއ. ދާންދޫ - ގއ. ގެމަނަފުށި
ގްރައުންޑް 2: ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ

21:00
ގްރައުންޑް 1: ގއ. ކޮލަމާފުށި - ގއ. ވިލިނގިލި
ގްރައުންޑް 2: ގއ. ދެއްވަދޫ - ގއ. މާމެންދޫ

22:00
ގްރައުންޑް 1: ރ. ރަސްގަތީމު - ރ. މަޑުއްވަރި
ގްރައުންޑް 2: ރ. ދުވާފަރު - ރ. މީދޫ

23:00
ގްރައުންޑް 1: ލ. ގަން - ލ. މާބައިދޫ
ގްރައުންޑް 2: ލ. ކަލައިދޫ - ލ. އިސްދޫ