ކޯސްޓްގާޑް

ތެޔޮ ބައުޒަރެއް ދޯންޏެއް ޖެހި ދޯނި އަޑިއަށް ހިނގައްޖެ

ތެޔޮ ބާޒަކާއި މުދާ އުފުލާ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯނީގެ ބޮޑު ބައެއް އަޑިޔަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ބ. މަޑުއްވަރީން ފުރައިގެން މާލެ އަށް ދަތުރު ކުރި "ރަމްކޯ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކާއި "ހޯކް" ނަމަކަށް ކިޔާ ތެޔޮ ބާޒެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ދޯނީގެ ކޮޅު މައްޔަލުން ތަންކޮޅެއް ފިޔަވައި ދޯނި އެކީގައި ވަނީ އަޑިޔަށް ގޮސްފަ އެވެ.

ކޯސްޓްގާޑުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ކ. އަޔޮޅު ޒިޔާރަތްފުށީ ކައިރީގަ އެވެ. އެމްއެންޑީ އެފަށް އެކަން ރިޕޯޓު ކޮށްފައި ވަނީ ރޭ ފަތިހު 4:45ގަ އެވެ.

ކޯސްޓްގާޑުން ބުނީ މި އެކްސިޑެންޓް ހިނގި އިރު ދޯނީގައި ހަތަރު ފަޅުވެރީން ތިބި ކަމަށާއި އެ އެންމެން ވެސް ތެޔޮ ބައުޒަރަށް ނަގައިފައިވާ ކަމަށެވެ.

ދޯނި މައްޗަށް ނެގުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން މިހާރު ކުރަމުން އަންނަ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.