ސްރީލަންކާގައި ހުރި އާސަންދަ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނޯޓިސް ދީފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އާސަންދަ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާ ބެހޭ ގޮތުން މިހާރު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ލަންކާގައި ހުންނަ އާސަންދަ އޮފީސް ބަންދުކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ލަންކާގައި ހުރި އޮފީހުގައި ތިބި ދިވެހި ދެ މުވައްޒަފުންނަށް މިދިޔަ މަހު ނޯޓިސް ހަވާލުކޮށްފައިވާ ކަމަށާއި އެމީހުންނަށް ނޯޓިސް ދިނީ މަސައްކަތަށް ބަލާފައި މުވައްޒަފުންނާ މެދު އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ލަންކާގައި ހުރި އާސަންދަ އޮފީހުގައި މަސައްކަތް ކުރަނީ ޖުމުލަ ތިން މީހުންނެވެ. އެއީ ނޯޓިސް ދީފައިވާ ދެ ދިވެހިންގެ އިތުރުން ލަންކާގެ ޑްރައިވަރެކެވެ.
ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. އެގައުމުގައި ގާތްގަނޑަކަށް 15،000 ދިވެހިން ދިރިއުޅެއެވެ.