އިންޑިއާގައި އުމުރުން ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު، ކަރުބުރި ކޮށްލާފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާ ހިނގީ އިންޑިއާގެ ޖަރްކަންދު ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ޖަމްޝެދްޕޫރުގައި، މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. ދެފިރިހެނުން ވެގެން އެކުއްޖާ ރޭޕް ކުރުމަށްފަހު މަރާލާފައިވަނީ ޖަމްޝެދްޕޫރުގެ ޓަޓަންގަރު ރެއިލްވޭ ސްޓޭޝަނުގައެވެ.
މި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް އެއަންހެން ކުއްޖާގެ މަންމަ ވަނީ އެކުއްޖާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައެެވެ. އަދި އޭނާގެ ދަރިފުޅު ރޭޕް ކުރުމަށްފަހު މަރާލި ކަމަށް ތުހުމަތު ކުރެވެނީ އޭނާގެ ލޯބިވެރިޔާ ކަމަށްވެސް ވަނީ ބުނެފައެވެ. އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާ ދޫކޮށް ލޯބިވެރިޔާއާ އެކީގައި ޖަމްޝެދްޕޫރަށް ގޮސްފައެވެ. އޭނާ ކުރިން ފިރިމީހާއާ އެކީގައި އުޅެމުން އައީ ވެސްޓް ބެންގާލްގެ ޑިސްޓްރިކްޓެއް ކަމަށްވާ ޕުރުލިއާގައެވެ.
ފުލުހުންނަށް މަރުވި އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ޖަމްޝެދްޕޫރުގެ ޕޮލިސް ސްޓޭޝަނެއްގެ ކައިރިން ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކުއްޖާގެ ހަށިގަނޑު ފެނުނު ނަމަވެސް، ހަށިގަނޑުން ވަކި ކުރި ބޯ އަދިވެސް ނުފެނެއެވެ. ފުލުހުން ވަނީ ރެއިލްވޭ ސްޓޭޝަންގައި މަންމަ ކައިރީގައި ނިދާފައި އޮއްވައި، ފިރިހެނަކު އެ ކުއްޖާ ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ހިއްސާ ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ތިން މީހުން ހައްޔަރުކޮށްފައިވެއެވެ.
އެއީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހުންނާ އަދިވެސް އިތުރު މީހެކެވެ. އަންހެންކުއްޖާ ރޭޕް ކުރުމަށްފަހު، މަރާލި ކަމަށް ތުހުމަތު ކުރެވޭ އެކަކު ކަމަށްވާ ރިންކޫ ސަހޫއަކީ 2015 ވަނަ އަަހަރުގައި، ކުޑަކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި ހުރި މީހެކެވެ. އޭނާ އަކީ ތިން ކުދިންގެ ބައްޕައެއްވެސް މެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެތައް ފަހަރަކު އޭނާ ހައްޔަރުކޮށްފައިވެއެވެ.
ރިންކޫއާއި އޭނާގެ ރަހުމަތްތެރިޔާ ކައިލާޝް ވަނީ އޭރު ރަހީނު ކުރި ކުއްޖާ އެއް ދުވަސް ވަންދެން ގޭންގް ރޭޕް ކޮށްފައެވެ. އަދި އެކުއްޖާގެ ކަރުގައި ހިފައި، މަރާލަން އުޅުނީ ރުއިން ނުހުއްޓައިގެން ކަމަށް އެދެމީހުންވެސް ވަނީ އިއުތިރާފުވެފައެވެ.
ތިން އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އަތުލައިގަންނަން ފުލުހުންނަށް ފަސޭހަވީ ހާދިސާ ހިނގި ސަރަހައްދުގައި ސީސީޓީވީ ކެމެރާތައް ހުރުމުންނެވެ.