ތައިލެންޑްގެ ސިޓީއެއް ކަމަށްވާ ބެންކޮކްގައި ބޮމުގެ ހަމަލާތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ސިޓީގެ ސަރަހައްދުތަކެއްގައި ހަ ބޮން ގޮއްވާލާފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެސިޓިގެ ތިން ސަރަހައްދެއްގައި ހަ ބޮން ގޮއްވާލާފައިވެއެވެ. އަދި ހަތްވަނަ ބޮން ގޮވުމުގެ ކުރިން، ސަލާމަތީ ބާރުތަކުން ވަނީ އޭތި ޑިފިއުސް ކޮށްފައިކަމަށް ތައިލެންޑްގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވެއެވެ. އެހަމަލާތަކާ ގުޅިގެން ހަތަރު މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ބެންކޮކްގައި ބޮމުގެ ހަމަލާތަކެއް ދީފައިމިވަނީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް(އާސިއާން)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ ސަމިޓެއް އެސިޓީގައި ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. އެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔޫއެސްގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވެސް މިވަގުތު ހުންނެވީ ބެންކޮކްގައެވެ. މީގެ އިތުރުން ޗައިނާ އަދި ރަޝިއާ ތަމްސީލު ކުރައްވާ މަންދޫބުންވެސް އެސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ބެންކޮކަށް ވަޑައިގެންފައިވެއެވެ.
ބޮމުގެ ހަމަލާތަކާ ގުޅިގެން ތައިލެންޑް ބޮޑުވަޒީރު ޕްރަޔޫތު ފަނޯޗާ ވަނީ އެކަން ތަހުގީގު ކުރުމަށް ސަލާމަތީ ބާރުތަކަށް އަންގަވާފައެވެ. އަދި އާއްމުން ބިރު ނުގަތުމަށްވެސް އެެމަނިކުފާނު އިލްތިމާސް ކުރައްވާ ކަމަށް ތައިލެންޑް ސަރުކާރުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.