ޖަރީރާ ރާއްޖެއެެއް ހޯދައިދޭނެ ކަމަށް ބުނެ ބަޔަކު ވެރިކަން ކުރަން ފެށި ފަހުން ރާއްޖޭގެ ހުރިހާ ކަމެއްވެސް ޖަޒީރާވެ ނިމިއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
"ކޮބާ ނުވިއެއްނު؟"މިނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވަނީ، ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ އޮޅުވާލުމާއި މަކަރުހެދުމާއި ދޮގު ހެދުން ފިޔަވައި އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. އެގޮތުން ހުރިހާ މުއައްސަސާއަކަށްވެސް ސަރުކާރުން ސިޔާސީ ނުފޫޒު ވައްދާފައިވާ ކަމަށާއި ސަރުކާރުގެ އިސް މަގާމުތައްވެސް ދެނީ ވެރިންނާ އާއިލީ ގުޅުން އޮންނަ ފަރާތްތަކަށް އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"70 މިލިއަން ޑޮލަރުން އެ ބްރިޖު(ސިނަމާލެ ބްރިޖް) އެޅޭނޭވެސް ބުނި. 70 މިލިއަން ޑޮލަރުން ބްރިޖް އެޅޭނަމަ ރައީސް ޔާމީން މި ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް ބްރިޖް އަޅާފައި ހުންނާނީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ވެރިކަން ހޯދީ ރައްޔިތުންނަށް ނަނާ ހުވަފެން ދައްކައިގެން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނި ގިނަ ކަންކަން އަދިވެސް ނުކޮށްދެވޭ ކަމަށާއި ސަރުކާރަށް 100 ދުވަސް ވީވެސް އެތައް ދުވަހެއް ފާއިތުވެގެން ދިޔަ ފަހުން ކަަމަށެވެ.
"ކުރިން ވިދާޅުވީ އެއާޕޯޓެއް ބޭނުމެއް ނޫނޭ. އެކަމަކު މިހާރު ވިދާޅުވަނީ އަންނަ އަހަރު ގިނަ އެއާޕޯޓުތަކެއް ހުޅުވާނަމޭ. ކޮންތާކުން އަންނަ އެއާޕޯޓެއްތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.