އާސަންދަ

އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދަ ކަނޑާލުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން

1

އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ކަނޑާލުމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޓުވީޓާގައި ބައެއް މީހުން ބުނެފައި ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް މިހާރު ނުލިބޭ ކަމަށާއި އެކަން ހިނގިގޮތެއް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އާސަންދަ ކުންފުންޏަށާއި ހެލްތު މިނިސްޓްރީއަށް ގޮވާލާ ކަމަށެވެ.

އިންޑިއާގައި ބޭސްފަރުވާއަށް ގޮސް ހުރި މީހަކު "ވަން އޮންލައިނަށް" މައުލޫމާތު ދެމުން ބުނީ އެމީހުންގެ ބޭސްފަރުވާގެ ކަންކަން ބަރޯސާވެފައި ވަނީ އާސަންދައަށް ކަމަށާއި ނަމަވެސް މިހާރު އާސަންދަ ނުލިބުމުގެ ސަބަބުން "ހަދާނެ ގޮތް ހުސްވެއްޖެ" ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރިން ބަރާބަރަށް އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދަ ލިބޭ. އެހެންވީމަ އެކަމަށް ބަރޯސާވެގެން މިތިބެނީ. ދެން ކުއްލިއަކަށް އާސަންދަ ނުލިބުނީމަ ދެން ކިހިނެއްތޯ އަޅުގަނޑުމެން ބޭސްފަރުވާ ކުރާނީ. އަޅުގަނޑުމެން އަތަކު އެވަރަށް ފައިސާއެއް ނެތް،" އިންޑިއާގައި ބޭސްފަރުވާއަށް ގޮސް ހުރި މީހަކު ކިޔައިދިނެވެ.

އިންޑިއާގައި ބޭސްފަރުވާއަށް ގޮސް ހުރި އެހެން މީހެއްގެ އާއިލާގެ މީހަކު ބުނީ އޭނާގެ އާއިލާގެ މީހަކު ބޮޑު އޮޕޮރޭޝަނެއް ކުރުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، ކުއްލިއަކަށް އާސަންދައިގެ ހިދުމަތް ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އާސަންދަ ހަމަޖެހިގެން އިންޑިއާގެ ކޮޗިންގައި ހުންނަ އެއިމްސް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ ދިވެއްސަކު ހުށަހެޅި އާސަންދައިގެ ލިޔެކިޔުންތައް ގަބޫލު ނުކުރަން އެއިމްސް ހޮސްޕިޓަލުން ނިންމާފައިވާ ކަމަށް ވެސް އެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ކެނޑުނު މައްސަލާގައި ހެލްތު މިނިސްޓްރީ އަދި އާސަންދަ ކުންފުނިން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟