މެންބަރު އާދަމް ޝަރީފް އުމަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ އިސްވެރިން ނެންގެވި: އާދަމް ޝަރީފް

ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ އިސްވެރިން ވެސް ނަންގަވާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފިއެވެ.

"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވިލް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި އާދަމް ޝަރީފު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ އެ އަޑު މިހާރު މަޑުވެފައިވަނީ ސަރުކާރު އިސްވެރިން ވެސް އެކަމުގައި ބައިވެރިވެފައިވާތީ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ މި ސަރުކާރުގައި ތިބި މީހުން ނަގާފައި ވެއްޖެ. އެ ޝަރީއަތް ރަނގަޅަށް ކޮށްފި ކަމަށް ވެއްޖެއްޔާ މި ސަރުކާރުގައި ތިބި މީހުން ވެސް ޖަލަށް ދާން ޖެހޭނެ،" ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިންސުރެ އެންމެ ބޮޑު އަމާޒެއް ހިފާފައިވަނީ ރައީސް ޔާމީން ޖަލަށް ލުމަށްކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

ރޭގެ ޖަލްސާގައި އާދަމް ޝަރީފު ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން މި ސަރުކާރުން އަވަށްޓެރި އިންޑިއާއާ ބާއްވާ ގާތްކަމަށް އިޝާރާތް ކުރައްވައި، ރާއްޖޭގެ މިހާރުގެ ހާރިޖީ ސިޔާސަތު އޮތީ ތިލަފަތުގެ އެއްކޮޅަށް ބަރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ގައުމު ތަރައްގީ ކުރަން ބޭރުގެ ގައުމުތަކުން އެހީތެރިކަމެއް ނުލިބޭނެ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތީ ނީލަމުގައި ވިއްކާލާފައިވާ ކަމަށެވެ.