ދުނިޔެ

އިތޯޕިއާގެ ސުޕްރީމް ކޯޓުގެ ރައީސަކަށް ވެސް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

1

އިތޯޕިއާގެ ސުޕްރީމް ކޯޓު ފުރަތަމަ ރައީސާ މިއަދު ހުވާ ކުރައްވައިފިއެވެ.

އިތޯޕިއާގެ ސުޕްރީމް ކޯޓުގެ ފުރަތަމަ ރައީސާއަކަށް ހޮވިވަޑައިގެންނެވީ މީޒާ އޭޝްނަފީއެވެ. މީޒާ އަކީ ޔޫއެންގެ އިކޮނޮމިކް ކޮމިޝަން ފޯ އެފްރިކާގެ އެޑިސް އަބާބާގެ ވިމެން ރައިޓްސް އެޑްވައިޒަރަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީޒާއަށް މަގާމު ލިބިވަޑައިގެންނެވީ އެގައުމުގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.

މީޒާއަށް މަގާމު ހަމަޖައްސަމުން އިތޯފިއާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެ ގައުމުގެ ޝަރުއީ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނެ ގާބިލިއްޔަތުކަން މީޒާގެ ހުރިކަމަށް އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ. ގައުމުގެ ޖަސްޓިސް ނިޒާމާއި، ޑިމޮކްރަސީ އާއި ގައުމަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގެ ފުރިހަމަ ގާބިލިއްޔަތުކަން މީޒާގެ އެބަހުރި ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހު 26 ގައި ފުރަތަމަ އަންހެން ރައީސެއް އިތޯޕިއާއަށް އައްޔަންކޮށްފައިވާ އިރު 10 އަންހެން މިނިސްޓަރުންވެސް ވަނީ ހޮވައިފައެވެ.

އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރަކަށް އައިޝާ މުހައްމަދު، އަލަށް އުފެއްދި މިނިސްޓްރީއެއް ކަމަށްވާ މިނިސްޓްރީ އޮފް ޕީސްގެ މިނިސްޓަރު މުފްރިއަތް ކާމިލް ހިމެނެއެވެ.

އިތޯޕިއާގެ ބޮޑުވަޒީރު ވަނީ މީގެ ދެ ހަފްތާ ކުރިން އެގައުމަކީ ފިރިހެން ބޭފުޅުން އަދި އަންހެން ބޭފުޅުން ހަމަހަމަ ގައުމެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިއީ އެފްރިކާގައި މިގޮތަށް އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިން ތިންވަނަ ގައުމެވެ. އެންމެ ފުރަތަމަ ގައުމަކަށް ވަނީ އުވަންޑާއެވެ. އެއަށްފަހު ސީޝެލްސްއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟